އެމެރިކާ ކުލީ ސިފައިން ޣައްޒާގައި ބަހަމުންދާ އެހީ ހޯދުމަށް ދުރު ހިސާބަކުން ފައިމަގުގައި އަވީގައި ހިނގާފައި ދިޔަ އަމީރުގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ. އަމީރު ޝަހީދު ކޮށްލި ހާދިސާ އަސަރާއެކު ބީބީސީއަށް ކިޔައި ދިނީ އެކަން ތަޖުރިބާ ކުރި އެމެރިކާގެ ރިޓަޔާޑް ސިފައިންގެ އޮފިސަރު އެންތޮނީ އަގިލާ އެވެ. އޭނާ ބުނީ އެހީ ހޯދަން ކުލީ ސިފައިންގެ ކޭމްޕްތަކަށްދާ މީހުންނަށް ޔަހޫދީ ސިފައިން ތަފާތު ކުރުމެއް ނެތި ބަޑި ޖަހަމުންދާ ކަމަށެވެ. އަދި އެމަންޒަރު އޭނާއަށް ފެނިފައިވާ ކަމަށާއި އެކަމަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ފައި ވެއެވެ.
"އަމީރަކީ ނިކަމެތި ކުއްޖެކެވެ. އޭނާ ފައިވާނެއް ނުލައި، އިރުގެ ހޫނުގައި އެތައް ކިލޯމީޓަރު ދުރަށް ހިނގައިފައި އައީ އެހީ ބަހާ މަރުކަޒަކަށެވެ. އޭނާއަށް ލިބުނީ ހަނޑޫކޮޅަކާއި މުގު ކޮޅެކެވެ. އެ ތަކެތި އޭނާއަށް ލިބުމުން އޭނާ އަހަރެންގެ ގާތަށް އައިސް، އަހަރެންގެ އަތުގައި ބޮސްދީފައި ބުންޏެވެ: 'ޝުކުރިއްޔާ.' އެވެ. އޭނާ އަދި އެނބުރި ނުލަނީސް އިޒްރޭލު ސިފައިން އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލީއެވެ. އަމީރު މަރުވެގެން ވެއްޓުނީ އަހަރެންގެ ކުރިމައްޗަށެވެ." ކުލީ ސިފައިންގެ މީހެއްގެ ގޮތުގައި އެހީ ބެހުމަށް ގެންގޮސްފައިވާ އެންތޮނީ އަގިލާ ބީބީސީއަށް ކިޔައި ދިނެވެ.
އޭނާ ބުނީ މިއީ ހަނދާނުން ފިލައިގެން ނުދާނެ ފަދަ މަންޒަރެކެވެ.
މި ހާދިސާ ހިނގީ މިއަހަރުގެ 28 މެއި ގައި ރަފަޙުގެ ތައްލުއްސުލްޠާން ސަރަޙައްދުގައި އެމެރިކާ ކުލީ ސިފައިން ހިންގާ "ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން" (ޖީއެޗްއެފް) އިން ހިންގާ އެހީ ބަހާ މަރުކަޒެއްގެ ކައިރީގައެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓެއްގައި ބުނާ ގޮތުގައި، ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތްތައް ވަނީ "މަރުގެ ދަތުރުތަކަކަށް" ބަދަލުވެފައެވެ. އިސްރާއީލުގެ ސިފައިންނާއި އެމެރިކާގެ ކުލީ ސިފައިން އެހީ ހޯދަން ދާމީހުންނަށް ޖަހާ ވަޒަންތަކާއި ކަރުނަ ގޭހުގެ ސަބަބުން، ކާބޯތަކެތި ހޯދަން ނިކުމެގެން އުޅޭ 1,050 އަށްވުރެ ގިނަ ފަލަސްޠީނު މީހުން މިހާތަނަށް ޝަހީދުކޮށްފައި ވެއެވެ.






