ބްރެޒިލްގެ ޚާރިޖީ ވަޒީރު މައުރޯ ވިއެއިރާ ވަނީ ބްރަޒީލުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިޢުލާނުކޮށްފައެވެ. އޭނާ މިކަން އިއުލާން ކުރެއްވީ އދގައެވެ. މިއީ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
ވިއެއިރާ ވިދާޅުވީ، ހުށަހެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އިސްރާއީލަށް ބްރެޒިލުން ސަޕްލައި ކުރާ ހަނގުރާމައަށް ބޭނުން ކުރެވިދާނެ ތަކެތީގެ އެކްސްޕޯޓް ހުއްޓާލުމެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ޖަރީމާތައް ކުށްވެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
މީގެ އިތުރުން، ބްރެޒިލުން ވަނީ އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ކޯޓަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލާގައި ތަދައްޚުލުވެ ރަސްމީކޮށް ތާއީދުކޮށްފައެވެ. މި މައްސަލައިގައި ޣައްޒާގައި ނަސްލު ސާފުކޮށްލުމުގެ ޢަމަލު ހިންގުމުގެ ތުހުމަތު ޔަހޫދީންގެ ގައުމަށް ކުރެވިފައިވެއެވެ.
އަދި މީގެ އިތުރުން، ބްރެޒިލެޒިލުން ވަނީ "ހުޅަނގު އައްސޭރީގެ ޔަހޫދީ ބަސްތީތަކުން އިމްޕޯޓްކުރެވޭ އުފެއްދުންތައް ބެލެހެއްޓުމަށާއި އެތަކެތި އެތެރެ ވިޔަ ނުދިނުމަށް ހަރުކަށި ނިޒާމުތައް ތަޢާރަފުކުރާނެ ކަމަށް ބުނެފައެވެ. މިއީ "ޣައިރު ޤާނޫނީ އާބާދީތަކުގެ އިޤްތިޞާދަށް އެހީތެރިވުން" ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބުނެއެވެ.




