މޯލްޓާއިން މިއަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްޠީނު ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާން ކޮށްފިއެވެ. މޯލްޓާގެ ބޮޑުވަޒީރު ރޮބަރޓް އަބޭލާ އެކަން އިޢުލާން ކުރެއްވީ، އިނގިރޭސި ބޮޑުވަޒީރަޒީރު ކީއޭރ ސްޓާމަރ މިފަދަ އިޢުލާނެއް ކުރެއްވި ތާ ގަޑިއިރުތަކެއް ފަހުންނެވެ. އަދި ފްރާންސުން ފަލަސްޠީނު ދައުލަތް ބަލައިގަތުމުގެ ޕްލޭނެއް އިޢުލާން ކުރިތާ ދުވަސްތަކެއް ފަހުންނެވެ.
އަބޭލާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑުމެން ބޭނުން ވަނީ މެދުއިރުމަތީގައި ދާއިމީ ސުލްޙައެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަޅުގަނޑުމެން ދޭ އެއްބާރުލުން ދައްކުވައި ދިނުން" ކަމަށެވެ.
މޯލްޓާގެ ސަރުކާރަށް އެ ޤައުމުގެ އެތެރޭގައި ފަލަސްޠީނު ދައުލަތް ބަލައިގަތުމަށް ފިއްތުންތައް އިތުރުވަމުންދެއެވެ. އަދި ޖުލައި މަހުގެ މެދުތެރޭގައި އިދިކޮޅު ފަރާތްތަކުން ވަނީ ވަގުތުން ފަލަސްޠީނު ދައުލަތް ބަލައިގަތުމަށް ގޮވާލާފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރެއް ކަމުގައިވާ ޖަޒީރާ ޤައުމު މޯލްޓާއަކީ ފަލަސްޠީނުގެ މައްސަލަތަކަށް އެހީތެރިވުމުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. އަދި ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެފައިވާ ގައުމެކެވެ.
އަބޭލާ އެންމެ ފުރަތަމަ ފަލަސްޠީނު ދައުލަތް ބަލައިގަތުމުގެ ޕްލޭނެއް ހާމަކުރެއްވީ މޭ މަހުގައެވެ. އޭރު އޭނާ ވިދާޅުވީ އެކަން ކުރެވޭނީ ޖޫން މަހު ބާއްވާ އދ. ގެ ކޮންފަރެންސެއްގައި ކަމަށެވެ. ނަމަވެސް އެ ކޮންފަރެންސް ފަހަށް ލަސްކުރެވުނީއެވެ.






