ރައީސް ޑޮނަލްޑް ޓްރަމްޕް، ބުރާސްފަތި ދުވަހު ވިދާޅުވަނީ ފަލަސްޠިނުގެ ރައްޔިތުންގެ ކެކުޅުންތަކަށް ކެނެޑާއިން ހަމްދަރްދީވާތީ ކެނެޑާއާއެކު ވިޔަފާރި އެއްބަސްވުމެއް ހެދުމެއް ނޯންނާނެ ކަމަށެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ހާމަކުރެއްވި ގޮތުގައި، ކެނެޑާއިން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އދ ގައި ތަގްރިރު ކުރައްވާއިރު ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށެވެ.
ބޮޑުވަޒީރު ކާނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅަކީ ފަލަސްތީނު ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތައް ގެނައުމަށް ވަޢުދުވެފައިވާ ފިޔަވަޅެއް ކަމަށާއި، މީގެ ތެރޭގައި ވެރިކަން ހިންގުމުގެ ނިޒާމަށް ފުޅާ ދާއިރާއެއްގައި ބަދަލުތަކެއް ގެނައުމަށާއި، 2026 ވަނަ އަހަރު ޙަމާސް ބައިވެރިނުވެވޭ ގޮތަށް އާންމު އިންތިޚާބުތަކެއް ބޭއްވުމަށް ބާރުއަޅާ ނިންމުމެއް ކަމަށެވެ.
ކެނެޑާއިން ކުރީއްސުރެ ދެކެމުން އައީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަންނާނީ އިސްރާއީލާއެކު ސުލްޙައިގެ މަޝްވަރާތައް ނިމުމުންކަމަށެވެ. ޣައްޒާގައި ފުޅާ ދާއިރާއެއްގައި މީހުން ބަނޑަށް ޖެއްސުމާއި ހޮލޮކޯސްޓް ހިންގުމުގެ އަމަލު ޔަހޫދީން ހިންގާފައިވާތީ ބޮޑުވަޒީރު ކާނީ ވިދާޅުވެފައިވަނީ، މިހާރު ފެންނަ ހަގީގަތަކީ، "ފަލަސްތީނުގެ ދައުލަތެއްގެ އުންމީދު އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން ފަނޑުވެގެންދާކަން" ކަމަށެވެ. އެހެންވެ ކެނެޑާއިން ފަލަސްޠިނު ދައުލަތް ބަލައިގަތުމަށް ނިންމީ ކަމަށެވެ.
މީގެ އިތުރުން، ބޮޑުވަޒީރު ކާނީ ވިދާޅުވެފައިވަނީ "ޣައްޒާގައި ހިތާމަވެރި ކާރިސާއެއް ހިނގުމަށް މަގުފަހިކުރި އިސްރާއީލު ސަރުކާރުގެ ޢަމަލުތައް ކެނެޑާއިން ކުށްވެރިކުރާ" ކަމަށެވެ.






