އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރެއްވި، އިންޑިއާގެ އިމްޕޯޓުތަކަށް 25 އިންސައްތައިގެ ޓެރިފް ނެގުމަށް ނިންމުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ވަނީ ތަފާތު ގޮތަކަށް ޢަމަލުކުރުމަށް ނިންމާފައެވެ. ސަރުކާރުގެ އިސް މަޞްދަރެއްގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އިންޑިއާއިން މިކަމުގައި ބަދަލު ނުހިފާނެ ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ދެ ފަރާތުގެ މަޝްވަރާއަށް މަގު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެމެރިކާގެ އިއުލާނުން އިންޑިއާގެ ކަންބޮޑު ވުމެއް ނެތް ކަމަށެވެ.
ރައީސް ޓްރަމްޕް އިންޑިއާގެ މުދަލަށް ޓެރިފް ބޮޑުކޮށް ނެގުމަށް ނިންމީ ބުދަ ދުވަހުއެވެ. ޓްރަމްޕް ވިދާޅުވީ އިންޑިއާއަކީ އެމެރިކާގެ ރަޙްމަތްތެރި ޤައުމެއް ކަމުގައިވިއަސް، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އޮތީ ކަނޑައެޅިފައިވާ ވަކި މިންވަރެއްގައި ކަމަށެވެ. އަދި އިންޑިއާއިން އެމެރިކާގެ އިމްޕޯޓުތަކަށް ނަގާ ޓެރިފް "މާ ބޮޑު" ކަމަށެވެ.
އިންޑިއާ އާއި ރަޝިޔާއާ ދެމެދު އޮތް ދިގު މުއްދަތުގެ ވިޔަފާރީގެ ގުޅުމަށް ވެސް ރައީސް ޓްރަމްޕް ފާޑުވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ، ދެ ޤައުމަކީ ވެސް "މަރުވެފައިވާ އިޤްތިޞާދުތަކެއް" ކަމަށެވެ. އަދި ނިއު ދިއްލީން މޮސްކޯއާއެކު ކުރާ މުއާމަލާތާ މެދު ފަރުވާލެއް ނުބަހައްޓަވާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމަކީ، ދެ ޤައުމުން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް މަސްތަކެއް ވަންދެން މަޝްވަރާކުރަމުން އަންނަނިކޮށް ދިމާވެފައިވާ ކަމެކެވެ. އިންޑިއާ ސަރުކާރުން މިކަމަށް ފާޑުކިޔާފައި ނުވިނަމަވެސް އަމިއްލަ ފަރާތްތަކުން ވަނީ އެމެރިކާއަށް ފާޑު ކިޔާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ އެމެރިކާއިން އިންޑިއާގެ އިގްތިސާދު މަރުވެފައިވާ ކަމަށް ބުނާއިރު އެމެރިކާގެ އިގްތިސާދަށް ވުރެން އެތައް ގުނައަށް ދުޅަހެޔޮކޮށް އިންޑިއާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބެންކުން ވަނީ ބުނެފައެވެ.
އިންޑިއާ ސަރުކާރުގެ މަޞްދަރަކުން ފާހަގަކުރި ގޮތުގައި، އިންޑިއާއަކީ މިހާރު އަމިއްލައަށް ފުދުންތެރި އިޤްތިޞާދީ ބާރެއް ކަމަށާއި، މާޒީގައި ކުރިމަތިވި ގޮންޖެހުންތަކަށްވުރެ މިހާރު ކަންކަމާ މެދު މާ ހަރުދަނާކޮށް ކުރިމަތި ލުމުގެ ގާބިލުކަން އިންޑިއާއަށް ލިބިގެންވެއެވެ.





