ޒަޔަނިސްޓު ދުނިޔޭގެ ނިޒާމެއް ބައްޓަންވަމުން ދަނީ

 

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަނީ އެ ސަރަޙައްދު އެއްކޮށް ހުސްކުރުމުގެ ސްޓްރެޓެޖިކް މަޝްރޫޢަކަށް ބަދަލުވެފައެވެ. މި މަޝްރޫޢުގައި ހަނގުރާމަވެރި ހަތިޔާރު ބޭނުން ކުރުމުގެ އިތުރުން، ބަނޑަށް ޖެއްސުމާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ވަސީލަތްތައް ހިފެހެއްޓުމާއި، އަދި ބޯފެނާއި ކަރަންޓުގެ މަދަނީ އިންފްރާސްޓްރަކްޗަރ ހަލާކުކުރުން ފަދަ އަމަލުތައް ހިންގަމުން ގެންދަނީ އެ ސަރަޙައްދުގައި އިންސާނީ ދިރިއުޅުމަށް ނުކުޅެދޭ މާޙައުލެއް އުފެއްދުމުގެ މަޤްޞަދުގައެވެ. އެމެރިކާގެ ވާގި ވެރިކަމާއެކުގައެވެ.

އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ސިޔާސީ އިސްވެރިން، ޣައްޒާގެ މުސްތަޤްބަލާ މެދު ބޭއްވި މަޝްވަރާތަކުގައި، އެ ސަރަޙައްދަށް ނުރައްކާތެރި ހަމަލާތައް ދިނުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިކަން ހުއްޓާލުމަށް ބޮޑުވަޒީރު ނަތަންޔާހޫއަށް ގޮވާލާފައިވެއެވެ. އެ ފަރާތްތަކުގެ ނަޒަރުގައި، ޣައްޒާގައި ފަލަސްޠީނުގެ ދިފާޢީ ޖަމާޢަތްތަކާ ދެކޮޅަށް ހިންގާ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި، އެންމެހައި ކާނާގެ އެހީވެއްދުން މުޅިން ހުއްޓާލައި، ސަރަޙައްދަށް ހަމަލާދީ، ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރަސްއަޅައި، އެ ބިމުން އެ މީހުން ނެރެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

1948 ވަނަ އަހަރު ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވި "ނަކްބާ" އާ އެއްފަދަ ހާލަތެއް ޣައްޒާގައި މިހާރު ދަނީ ތަކުރާރުވަމުންނެވެ. އޭރު ހަތިޔާރާއި ގަތުލުޢާންމު މެދުވެރިކޮށް މީހުން ބޭރުކުރި ނަމަވެސް، މިއަދު އިސްރާއީލުން ދަނީ ޣައްޒާގައި މީހުންނށް ދިރިއުޅެވޭނެ މާޙައުލެއް ނޯންނާނެ ހާލަތެއް އުފައްދަމުންނެވެ. ޣައްޒާގެ 80% އަށް ވުރެ ބޮޑު ސަރަޙައްދެއް ވަނީ ހުސްކުރުމުގެ ނުވަތަ ހަލާކުކުރުމުގެ އަމުރު ހިންގާ ތަނަކަށް ވެފައެވެ.

އަދި ޣައްޒާގެ އާބާދީގެ 90% އަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގޯތިގެދޮރު ދޫކޮށް އެހެން ތަންތަނަށް ނުރައްކާތެރި ހާލުގައި ހިޖުރަކޮށްފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ޣައްޒާގައި 2.23 މިލިއަން މީހުން ދިރިއުޅުނު ނަމަވެސް، މިހާރު އެ އަދަދުން 6% ވަނީ މަދުވެފައެވެ.

މިޞްރުން ވަނީ ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން އެ ޤައުމުގެ ސަރަޙައްދަށް ބަދަލުކުރުމަށް ކަނޑައެޅިގެން އިންކާރުކޮށްފައެވެ. ނަމަވެސް، މިޞްރުގެ އިޤްތިޞާދީ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލިބޭ އެހީތެރިކަމަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން މިޞްރަށް ވަނީ ބައެއް ސިޔާސީ ފިއްތުންތައް ކުރިމަތިވެފައެވެ. ރަފަޙް ބޯޑަރު މެދުވެރިކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިޞްރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އިސްރާއީލުން ވަނީ އެތައް ހާސް އެހީގެ ޓްރަކެއް އެތެރެވުން ހުއްޓުވާފައެވެ. އދ އާއި އެހީދޭ ޖަމިއްޔާތަކުގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި ރަފަޙް މެދުވެރިކޮށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ އެހީގެ 70% އަށް ވުރެ ގިނަ އަދަދެއްގެ އެހީ ވަނީ އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން އެތެރެ ނުކުރެވި ހިފެހެއްޓިފައެވެ. ހަލާކުވެފައެވެ.

މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ކަމަކީ ޣައްޒާގައި ހިންގަމުންދާ ނަސްލު ސާފުކޮށް މީހުން ބަދަލުކުރުމުގެ އޮޕަރޭޝަނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން ލިބެމުންދާ ފާޅުކަން ބޮޑު ހިމޭންކަމެވެ. އދ އިން ދާއިމީ ހަނގުރާމަ ހުއްޓުމެއް ޤާއިމުކުރުމަށް ނުވަތަ އެކަށީގެންވާ މިންވަރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ނުކުޅެދިފައިވާއިރު، އދ ސަލާމަތީ މަޖިލީހުގެ 35 އަށް ވުރެ ގިނަ ބައްދަލުވުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ނުވަތަ ޣައްޒާ ގެ މީސްކޮޅު ބަދަލުކުރުމުގެ ސިޔާސަތު ކުށްވެރިކުރުމުގެ ގޮތުން އެއްވެސް ނިންމުމެއް ބަޔާނެއް ނުނެރެވި، ބޭއްވިފައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާގެ ސިޔާސަތު ބަދަލުވެ، އިސްރާއީލަށް ޝަރުތެއް ނެތި ތާއީދުކުރުމުގެ ބަދަލުގައި ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ ވިސްނުންތައް ސިޔާސީ މައިދާނުގެ މުހިންމު އަޑުތަކަށް ވެއްޖެއެވެ. މީގެ ތެރޭގައި ކޮންގްރެސްއިން އިސްރާއީލަށް 15 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފާސްކުރުމާއި، އދ ގެ އުންރުވާއަށް ދޭ ފައިސާ ހިފެހެއްޓުމާއި، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ދަޢުވާކުރުމުގެ މަސައްކަތްތަކަށް ހުރަސް އެޅުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!