ޣައްޒާ ހޮލޮކޯސްޓާ ދެކޮޅަށް ގަލްފްގެ ރައްތިޔުން އެހީ ފޮނުވަން ފަށައިފި

ގަލްފު ސަރަޙައްދުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިއްތިޙާދަކުން، ޣައްޒާއަށް ޔަހޫދީން މަޖުބޫރުކޮށްފައިވާ ހިސާރު ނިމުމަކަށް ގެނެސް، އެ ސަރަޙައްދަށް ކާބޯތަކެއްޗާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން 'ގަލްފް ރެޒިލިއަންސް ޝިޕް' ގެ ނަމުގައި އިންސާނީ އެހީއާ އެކު ޣައްޒާއަށް ފޮނުވާ އުޅަނދެއް ތަޢާރަފުކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި، މި މަޝްރޫޢު ވިލަރެސްކުރައްވާ މުޙައްމަދު އަލްހައިކީ ވިދާޅުވެފައިވަނީ، މި އުޅަނދަކީ 18 އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ ޔަހޫދީންގެ ހިޞާރު ނިމުމަކަށް ގެނެސް، ޣައްޒާގައި އަހަރުން އަހަރަށް ގޯސްވަމުންދާ އިންސާނީ ހާލަތަށް އިޖާބަދިނުމަށް އަމާޒުކޮށްގެން ފޮނުވަން ނިންމާފައިވާ 'ގިނަ އަދަދެއްގެ އުޅަނދުތަކުގެ ތެރެއިން އެއް އުޅަނދު' ކަމުގައެވެ.

މިއީ މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް މަދަނީ އަދި ޞުލްޙަވެރި ގޮތެއްގައި ދެވޭ ޖަވާބެއް ކަމުގައި އޭނާ ވިދާޅުވިއެވެ. މި ކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ: "އަޅުގަނޑުމެންނަކީ ގަލްފު ސަރަޙައްދުގެ ޒުވާނުންގެ ގްރޫޕެކެވެ. ފަލަސްޠީނުގެ ރައްޔިތުން ބަނޑުހައިހޫނުކަމާއި ޔަހޫދީންގެ ނެއްގާނި މާޙައުލެއްގައި ދިރިއުޅެމުންދާއިރު، އަޅުގަނޑުމެންނަށް ހަމަހިމޭންކަމާއެކު ތިބެވޭނެ ކަމަކަށް ނުފެނުނެވެ." އޭނާއާ ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ.

މި އުޅަނދަކީ އެއްވެސް ސަރުކާރަކާ ނުވަތަ ސިޔާސީ ޖަމާޢަތަކާ ގުޅުން ނެތް، ޔަހުދީންގެ ހިސާރާ ދެކޮޅަށް ދުނިޔޭގެ ރައްޔިތުންގެފެންވަރުގައި ހިންގާ 'ގްލޯބަލް ކޯލިޝަން ޓު ބްރޭކް ދަ ސީޖް' ގެ ދަށުން ހިންގޭ މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ.

މި ކޯލިޝަނަކީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓް ގެ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ އެކްޓިވިސްޓުން ހިމެނޭ ފުޅާ ވިއުގައެއްގެ ބައެކެވެ.

ހިއްސާ ކުރައްވާ!