އެމެރިކާގެ ކުލީ ސިފައިން ކަންކުރާ ގޮތް ތަހުގީގު ކުރުމަށް 92 މެމްބަރުން ގޮވާލައިފި

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ 92 މެންބަރުންގެ ގްރޫޕަކުން، އެމެރިކާ އާއި އިސްރާއީލުގެ ތާއީދު ލިބިފައިވާ އެމެރިކާގެ ކުލީ ސިފައިން ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އާ ގުޅޭގޮތުން ތަޙްޤީޤެއް ހިންގުމަށް ސްޓޭޓް ޑިޕާޓްމަންޓަށް ގޮވާލައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރަށް ފޮނުވި ސިޓީއެއްގައި، ކޮންގްރެސްގެ މެންބަރުން ވަނީ ކުލީ ސިފައިންގެ ޖަމުއިއްޔާގެ މިލްކުވެރިކަމުގެ އޮނިގަނޑާއި، އިންސާނީ އެހީތެރިކަމުގެ ދާއިރާގައި ތަޖުރިބާ ނެތުމާއި، އަދި މައިގަނޑު އެހީދޭ ފަރާތެއްގެ ގޮތުގައި ޚިދުމަތް ދިނުމުގެ ޤާބިލުކަން ހުރި މިންވަރާމެދު ސުވާލު އުފައްދާފައެވެ.

ކޮންގްރެސް މެމްބަރު ޝޯން ކާސްޓެން އިސްވެ ހުންނަވައިގެން ތައްޔާރުކުރެއްވި މި ސިޓީގައި، އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.

ކޮންގްރެސްގެ މެންބަރުން ވިދާޅުވެފައިވަނީ، ހަމާސްއަށް އެހީ ލިބުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ތާއީދުކުރާ ކަމަށާއި ނަމަވެސް ހަމާސްއިން މިހާތަނަށް އެހީ ފޭރިގަންނަ ކަމަށް ބުނާ އެއްވެސް ހެއްކެއް ފެނިފައި ނުވި ނަމަވެސް، އެމެރިކާ ކުލީ ސިފައިންގެ ޖަމުއިއްޔާގެ އަމަލުތަކާ ބެހޭ ގޮތުން ވަނީ ސުއާލު އުފައްދާފައެވެ.

"އަޅުގަނޑުމެންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި، އަލަށް އުފެއްދި، އަމިއްލަ، އެމެރިކާއާ ގުޅުންހުރި ޖަމްޢިއްޔާއެއް ކަމަށްވާ، އަދި ކުރިން އިންސާނީ އެހީތެރިކަމުގެ ތަޖުރިބާއެއް ނެތް ޖަމްޢިއްޔާއެއް، ޣައްޒާގައި ހަމައެކަނި ނުވަތަ މައިގަނޑު އެހީ ފޯރުކޮށްދޭ ފަރާތަކަށް ވެދާނެ ކަމާ މެދު ޝައްކު ކުރެވެއެވެ." ކޮންގްރެސްގެ މެންބަރުން ލިޔުއްވައެވެ.

"ފަލަސްޠީނަށް ރައްކާތެރި އަދި ފުރިހަމަ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި އަޚްލާޤީ ވާޖިބެއް ނޫނެވެ. އެއީ އިސްރާއީލުގެ ދިގު މުއްދަތުގެ ސަލާމަތާއި އިސްރާއީލު މީހުން ރައްކާތެރިކަމާއެކު އަނބުރާ ގެނައުމަށް ވެސް މުހިންމު ކަމެކެވެ. އެހީގެ މަސައްކަތްތައް އިތުރުކުރުމަކީ ސަރަޙައްދު ހަމަޖެއްސުމަށާއި ދެމެހެއްޓެނިވި ސުލްޙައެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ." ސިޓީގައި ވެއެވެ.

ކޮންގްރެސްގެ މެންބަރުން ވިދާޅުވެފައި ވަނީ، ކުލީ ސިފައިން ކުރާ މަސައްކަތުގެ ސަބަބުން މާހައުލު ހަލަބޮލިވެ މިހާރުވެސް އެހީ ބަހާ ތަންތަނުގައި ފަލަސްޠީނުގެ 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި ޔަހޫދީން ބިރަކާއި ނުލައި މީހުން މަރާކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

ވިސްލްބްލޯވަރުންގެ ޝަކުވާތަކާ ޙަވާލާދީ ކޮންގްރެސްގެ މެންބަރުން ހާމަކުރެއްވި ގޮތުގައި، ޖޫން މަހު ސްޓޭޓް ޑިޕާޓްމަންޓުން 30 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމުގެ ކުރިން ވެސް އެމެރިކާގެ އެހީދޭ ތަޖުރިބާކާރުން ކުލީ ސިފައިންގެ ޖަމުއިއްޔާގެ މަސައްކަތްތަކާ މެދު 58 އިއުތިރާޟެއް ފާޅު ކޮށްފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، އެމެރިކާ ސަރުކާރުގެ އެތެރޭގެ މެމޯއެއްގައި ޖީއެޗްއެފް "އެންމެ ދަށް ފަންނީ މިންގަނޑުތަކަށް ނުފެތޭ" ކަމަށް ބުނެފައިވާ ކަންވެސް ފާހަގަ ކުރައްވައެވެ.

މި ސިޓީގައި، ކޮންގްރެސްގެ މެންބަރުން ފިޔަވަޅު އެޅުމަށް ހުށަހަޅުއްވާ ގޮތްތަކަކަކީ:

  • ޖީއެޗްއެފްގެ މިލްކުވެރިކަމުގެ އޮނިގަނޑާއި ހިންގުމުގެ ނިޒާމު ތަޙްޤީޤުކުރުން.
  • ފައުންޑޭޝަންގެ އެހީ ބެހުމުގެ ނިޒާމު އިތުރަށް ދިރާސާކުރުން.
  • ޖީއެޗްއެފްއަށް ދެވުނު ހިލޭ އެހީގެ ފައިސާ ބޭނުންކުރުމުގެ ކަންކަން ގޮސްފައިވާ ގޮތް މުރާޖަޢާކުރުން.
  • ފައުންޑޭޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމެރިކާގެ ތަޖުރިބާކާރުން ފާޅުކުރި ކަންބޮޑުވުންތައް ބެލުން.

ކޮންގްރެސްގެ މެންބަރުން މި މައްސަލައާ ގުޅޭގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވާއިރު، އެ ބޭފުޅުން އެދިވަޑައިގަންނަވަނީ މި ކަންކަން އަވަހަށް ތަޙްޤީޤުކޮށް، ހާމަކަން ބޮޑު ގޮތެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

ހިއްސާ ކުރައްވާ!