ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވި ގޮތުގައި، ދިވެހި މަސް ކުންފުނި މިފްކޯއިން ސްރީލަންކާގައި ޝޯވް ރޫމެއް ހުޅުވުމުގެ ދިރާސާތައް ކުރަމުން އެބަގެންދެއެވެ. މިކަމަށް މަގުފަހިވީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް ލަންކާގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. މިއީ ދެ ޤައުމުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، މަސްވެރިކަމުގެ ދާއިރާއިން އާ ދޮރުތަކެއް ހުޅުވޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ސަފީރު މަސްޢޫދު އިމާދު ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް "އުމްބަޅަކަޑަ"ގެ ނަމުން މަޝްހޫރު ބޮޑު މާކެޓެއް އޮންނަ ކަމަށެވެ. އެހެންކަމުން، މިފްކޯގެ ޝޯވް ރޫމަކުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ދިވެހި މަހުގެ އުފެއްދުންތަކަށް ލަންކާގެ ބާޒާރުގައި ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ލަންކާގެ ފިޝަރީޒް މިނިސްޓަރ ވަނީ ދިވެހިން ކުރާ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަން ދަސްކުރުމަށް ޝައުޤުވެރިކަންވެސް ފާޅުކުރައްވާފައެވެ. އެޤައުމުން މިހާރު ދާ އަޅައިގެން މަސްވެރިކަން ކުރަމުންދާއިރު، ދިވެހިން ކުރާ ދޮށީގެ މަސްވެރިކަމަކީ މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީވެދޭނެ ގޮތެއް ކަމަށް ލަންކާއިން ދެކެއެވެ. ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ވެސް ވަނީ މަސްވެރިކަމަކީ އިންވެސްޓަރުން ހޯދަމުންދާ މުހިންމު ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައިވާ ދުރުރާސްތާގެ ގުޅުންތައް އިތުރަށް ބަދަހިވެ، ދެޤައުމުގެ އިޤްތިޞާދަށް ފައިދާކުރަނިވި ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މަސްއޫދު އިމާދަކީ ދެގައުމުގެ ގުޅުން ބަދަހި ކުރުމަށް ހަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެކެވެ.



