މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި ލިބޭނެ އިންތިޒާމާއެކު އައްޑޫގައި މަސްފިހާރައެއް ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންމްޕެނީ ލިމިޓެޑް (މިފްކޯ) ގެ އައު ފިހާރައެއް އައްޑޫ ސިޓީ ހިތަދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ. ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު އަނަސް ވިދާޅުވީ، އައްޑޫ ސިޓީގައި ހުޅުވި މި ފިހާރައަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި އެ ކުންފުނިން ހުޅުވި ފުރަތަމަ ފިހާރަ ކަމަށެވެ. މިއީ މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އަނަސް އިތުރަށް ވިދާޅުވީ، މި ފިހާރަ ހުޅުވުމާއެކު އައްޑޫ ހުޅުދޫގައި ގާއިމުކޮށްފައިވާ މިފްކޯގެ ފެކްޓްރީ މެދުވެރިކޮށް ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން އައްޑޫގެ އިގްތިސާދަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި ފިހާރައިގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބުމެވެ. "އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ އިންތިޒާމު މި ފިހާރައިގެ ސަބަބުން ހަމަޖެހިގެންދާނެ،" އަނަސް ވިދާޅުވިއެވެ.

މިފްކޯއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކުންފުނީގެ ހިދުމަތްތައް ފުޅާކޮށް، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އުފެއްދުންތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫ ގައި މަޖިލިސް އިންތިޚާބަށް ފޯރިއާއެކު ކެމްޕޭންވެސް ހިނގަމުން ދެއެވެ.

ހިއްސާ ކުރައްވާ!