ފިންލޭންޑްގެ ސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާކުރުމަށް ފާސްކޮށްފައިޥާ ގާނޫނަށް ހުކުރު ދުވަހު އަމަލު ކުރަން ފަށައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން މަތީ ފެންވަރުގެ ތައުލީމުގެ ދާއިރާއިން ކާމިޔާބު ކަމަށް މަޝްހޫރުވެފައިވާ ފިންލެންޑްގެ ރޭޓިން ވަނީ ދަށްވެފައެވެ. އަދި 15 އަހަރުގެ ކުދިންގެ ހިސާބާއި ލިޔަންކިޔަން ދަސްކުރުމާއި ސައިންސްގެ ގާބިލްކަން ވަޒަންކުރާ އޯއީސީޑީގެ ގިންތި ކުރުމުގައި ދަށަށް ގޮސްފައި ވުމާއެކު އައު ފިޔަވަޅު އެޅުމަށް މަޖުބުރުވީއެވެ.
އައު ގާނޫނު ތަންފިޒު ކުރަން ފެށުމުން ފިންލެންޑްގައި ކްލާސްތައް ކުރިއަށްދާއިރު އުމުރުން 7 އަހަރާއި 16 އަހަރާ ދެމެދުގެ ދަރިވަރުންނަށް މޯބައިލް ފޯނު ބޭނުންކުރުން މަނާވާނެއެވެ. ގާނޫނުން މިކަން މަނާ ކުރުމަށް ތައުލީމުގެ ގާނޫނަށް އިސްލާހު ހުށަހެޅީ މިދިޔަ އޭޕްރީލް މަހު އެވެ. މިހާރު ފޯނާއި އެހެނިހެން މޯބައިލް ޑިވައިސްތައް ކްލާހުގައި ބޭނުންކުރެވޭނީ އުނގެނުމުގެ ބޭނުމުގައި، އެހީއެއްގެ ގޮތުގައި ނުވަތަ ސިއްހީ ސަބަބުތަކަށް ޓީޗަރުގެ ހުއްދައާއެކުގައި އެކަންޏެވެ.
ފިންލޭންޑްގެ ނޭޝަނަލް އެޖެންސީ ފޯ އެޑިއުކޭޝަނުން ވަނީ ކެންޓީންގެ ވަގުތުތަކުގައިވެސް މޯބައިލް ބޭނުންކުރުން މަނާކުރުމަށާއި ބްރޭކްތަކުގައި ބޭނުންކުރުން ހަނިކުރުމަށް ގާނޫނު އެކުލަވާލި އިރު ލަފާދީފައެވެ.
2022 ވަނަ އަހަރުގެ އޯއީސީޑީ އެސެސްމަންޓްގެ އެންމެ ފަހުގެ ބުރުގައި ފިންލޭންޑްގެ %41 ދަރިވަރުން ބުނީ ޑިޖިޓަލް ރިސޯސް ބޭނުންކުރުމުން ހިސާބުގެ ހުރިހާ ނުވަތަ ގިނަ ފިލާވަޅުތަކެއް ކުރިއަށްދާއިރު އެމީހުންނަށް ސަމާލުކަން ނުދެވޭ ކަމަށެވެ.
ފޯނާއި އެހެނިހެން މޯބައިލް ޑިވައިސްތައް ސްކޫލްތަކުގައި ބޭނުންކުރުމަށް ގާނޫނީ ގޮތުން މަނާކުރި އެންމެ ފަހުގެ ގައުމަކީ ފިންލޭންޑެވެ.
މިއަހަރުގެ ކުރީކޮޅު ޑެންމާކުން ވަނީ ހުރިހާ ސްކޫލަކުން މޯބައިލް ފޯނު ބޭނުންކުރުން މަނާކުރާނެ ކަމަށް ބުނެފައެވެ. އެގައުމުގެ ދުޅަހެޔޮކަމާ ބެހޭ ކޮމިޝަންގެ ރައީސް ރަސްމަސް މޭޔަރ ވިދާޅުވީ އެ ފިޔަވަޅަކީ ސްކޫލްތައް "ޑިޖިޓަލް ޕްލެޓްފޯމްތަކުން އިސްތިއުމާރު ކުރުން" ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ. އަދި ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޑެންމާކުގެ ކޮމިޝަނުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އެގައުމުގެ %94 ޒުވާނުންގެ އުމުރުން 13 އަހަރު ފުރުމުގެ ކުރިން ސޯޝަލް މީޑިއާ ޕްރޮފައިލް އެއް ގެންގުޅެއެވެ.
މޯބައިލް ފޯނު މަނާކުރުން ތައާރަފްކުރި އެހެން ގައުމުތަކުގެ ތެރޭގައި 2018 ވަނަ އަހަރު ޕްރައިމަރީ އަދި ސެކަންޑަރީ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުންކުރުން މަނާކޮށް، 15 އަހަރާ ހަމައަށް ކުދިންނަށް "ޑިޖިޓަލް ޕޯޒް" އެއް އަޖުމަ ބެލުމަށް މަނާ ކުރަން ފަށާފައި ވަނީ ފްރާންސުންނެވެ.
ނޯވޭ ސަރުކާރުން ބުނާ ގޮތުގައި، ޓެކްނޯލޮޖީގެ ކުންފުނިތަކުން ދަނީ "ކުޑަކުދިންގެ ސިކުނޑިތައް އިސްތިއުމާރު ކުރަމުން" ނެވެ.
އިނގިރޭސިވިލާތުގައި ދާދިފަހުން ކުރި ސާރވޭއަކުން ދައްކާ ގޮތުގައި ޤައުމީ ޤާނޫނީ މަނާކުރުމެއް ނެތް ނަމަވެސް %99.8 ޕްރައިމަރީ ސްކޫލްތަކާއި %90 ސެކަންޑަރީ ސްކޫލްތަކުގައި ކޮންމެވެސް ވަރަކަށް ފޯނު ގެންގުޅުން މަނާކޮށްފައިވެއެވެ. 





