އެމެރިކާގެ ޑިމޮކްރަސީގައި ހަމަހަމަ ވޯޓުލުމުގެ ޙައްޤަށް 60 އަހަރު

އެމެރިކާގެ ޑިމޮކްރަސީގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ވޯޓުލުމުގެ ޙައްޤު ލިބިފައިވާތާ މިހާރު ވަނީ 60 އަހަރު ފުރިފައެވެ. މި މުއްދަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ އުމުރާ އެއްވަރުގެ މުއްދަތެކެވެ.

1965 ވަނަ އަހަރު ސެލްމާގައި ބޭއްވުނު ތާރީޚީ ހިނގާލުމަކީ އެމެރިކާގެ އަޅުވެތިކަމުގެ ތާރީޚުގައި މުހިންމު ބަދަލެއް ގެނައި ހާދިސާއެކެވެ. މި ހިނގާލުމުގެ ނަތީޖާއެއްގެ ގޮތުން، 1965 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ރައީސް ލިންޑަން ބީ. ޖޯންސަން ވޯޓިންގ ރައިޓްސް އެކްޓްގައި ސޮއިކުރެއްވިއެވެ. މިޤާނޫނުގެ ސަބަބުން، ކަޅު ނަސްލުގެ މީހުންނަށް ވޯޓުލުމުގެ ޙައްޤު ރަސްމީކޮށް ލިބުނެވެ.

އެހެންނަމަވެސް، މި ޙައްޤު ލިބުމުގެ ކުރިން، ކަޅު ނަސްލުގެ މީހުންނަށް ވޯޓުލުމުގައި ގިނަގުނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. މީގެ ތެރޭގައި ދޮންމީހެއްގެ ބެލުމުގެ ދަށުން އުނދަގޫ އިމްތިޙާނެއްގައި ބައިވެރިވެ ސުއާލު ކަރުދާސް ފުރިހަމަ ކުރުމާއި  ވޯޓުލުމުގެ ޙައްޤަށް އެދި ފީ އެއް ދެއްކުން ފަދަ ކަންކަން ކުރަން ޖެހުނެވެ. މި ފަދަ އިޖުރާއަތުތަކަކީ ކަޅު ނަސްލުގެ މީހުންނަށް ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ބޭނުންކުރެވުނު ވަސީލަތްތަކެވެ.

ކަޅު ނަސްލުގެ މީހުންނށް ވޯޓުލުމުގެ ޙައްޤު ލިބުމަށްފަހު، ކަޅު ނަސްލުގެ މީހުންގެ ސިޔާސީ ބައިވެރިވުން އެމެރިކާގެ ސިޔާސީ ހަޔާތުގައި އިތުރުވެފައިވެއެވެ. މިހާރު ގާތްގަނޑަކަށް 9،000 އަށްވުރެ ގިނަ ކަޅު ނަސްލުގެ މީހުން އެކި ފެންވަރުގެ އިންތިޚާބީ މަޤާމުތަކަށް ހޮވިފައިވެއެވެ.

އެހެންނަމަވެސް، ފަހަކަށް އައިސް ވޯޓުލުމުގެ ޙައްޤާ ގުޅޭ ގޮތުން އައު ގޮންޖެހުންތަކެއް ޓްރަމްޕް ވަނީ ކުރމަތި ކުރުވާފައެވެ. ވޯޓުލުމުގެ ޙައްޤު ހަނިކުރުމަށް މަސައްކަތް ކުރުމަށްޓަކައި ވޯޓުލާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށަހެޅުމަށް މިހާރު ވަނީ މަޖުބޫރުކޮށްފައެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ޚާއްޞަކޮށް އެކަހެރި އާބާދީތަކުގައި ދިރިއުޅޭ މީހުންނަށް ވޯޓުލުމުގެ ޙައްޤުން މަޙްރޫމްވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!