އިންސާނުންނަށް ނުހޮރޮއްޕާން ނުކުރާން ޓްރަމްޕަށް އަންގައިފި

ކެލިފޯނިއާގެ ފެޑެރަލް ޤާޟީ ޓްރިނާ ތޮމްޕްސަން ވަނީ ޓްރަމްޕް ސަރުކާރުން ހިޖުރަވެރިންނާ ދާވައިގެން އެމީހުންނަށް އުދަގޫ ކުރުމަށ ްކުރާ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް އަންގަވާފައެވެ.

ޓްރަމްޕް ސަރުކާރުން ވަނީ ހޮންޑިއުރަސްގެ 51,000 އަށްވުރެ ގިނަ މީހުންނާއި، ނިކަރާގުއާގެ 3,000 އަށްވުރެ ގިނަ މީހުންނާއި، އަދި ގާތްގަނޑަކަށް 7,000 ނޭޕާލު މީހުންނަށް ދީފައިވާ އެމެރިކާގައި އުދަގުލެއް ނެތި ވަގުތީ ރައްކާތެރިކަމާއެކު އުޅެވޭނެ ކަމުގެ ހައިސިއްޔަތު ބާތިލު ކުރަން އުޅެފައެވެ. ގާޟީ ތޮމްސަން ވަނީ ޓްރަމްޕް ސަރުކާރުން އެކަން ބާޠިލު ކުރަން އުޅުމުން އެކަން ހުއްޓުވާފައެވެ.

ޤާޟީ ތޮމްޕްސަން ވިދާޅުވެފައިވަނީ، "ބިރުވެރިކަމެއްނެތި އުޅުމުގެ މިނިވަންކަމާއި އެމެރިކާގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތަކީ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހޯދަން މަސައްކަތްކުރާ އެންމެހައި ކަންކަން" ކަމަށެވެ.

ފާއިތުވި މަހު، ޓްރަމްޕްގެ އިދާރާއިން ވަނީ އެ ޤައުމުތަކުގައި ދިމާވި ޚާއްޞަ ޙާލަތްތަކެއްގެ ސަބަބުން އެމެރިކާއަށް އައިސްފައިވާ މުހާޖިރުން، އެމެރިކާގައި ރައްކާތެރިކަމާއެކު ތިބެވޭ ގޮތަށް ދީފައިވާ ވަގުތީ ރައްކާތެރިކަމުގެ ހުއްދަ ބާޠިލުކޮށްފައެވެ. މިގޮތުން، 1998 ވަނަ އަހަރު ސެންޓްރަލް އެމެރިކާއަށް އައި ތޫފާން މިޗް އާއި 2015 ވަނަ އަހަރު ނޭޕާލަށް އައި ބިންހެލުމުގެ ސަބަބުން އެގައުމުތަކުގެ މީހުންނަށް ދޫކުރި ހުއްދަ ޓްރަމްޕް ބާޠިލު ކުރިއެވެ.

ޓްރަމްޕްގެ ސަރުކާރުގެ ނިންމުން ބާޠިލު ކުރަމުން ގާޒީ ވިދާޅުވީ އެމެރިކާ ސަރުކާރުން ނޮވެމްބަރު 18 ވަނަ ދުވަހު އެފަރާތްތަކަށް ދީފައިވާ ރައްކާތެރިކަން ނިގުޅައި ގަތުމަކީ، އެޤައުމުތަކުގެ ހާލަތު މާނަވީ ގޮތެއްގައި މުރާޖަޢާކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އަދި އެއީ "ނަސްލީ ތަފާތުކުރުމުގެ" ސަބަބުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޤާޟީ ތޮމްޕްސަން އިތުރަށް ވިދާޅުވެފައިވަނީ "އިންސާނާގެ ކުލައަކީ ކުށެއްވެސް ނޫން އަދި ވިހައެއްވެސް ނޫން" ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ޓްރަމްޕްގެ ކެމްޕޭން ބަޔާންތަކުގައި އެމެރިކާއަށް ހިޖުރަ ކުރުން ސިފަކުރައްވާފައި ވަނީ "އަޅުގަނޑުމެންގެ ޤައުމުގެ ލޭގައި އޮތް ވިހައެއް" ގެ ގޮތުގައި ކަމަށް ގާޟީ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!