އިޒުރޭލު އެކަހެރިވެ ޔަހޫދީންނަށް ބޭރަށް ދަތުރު ކުރަން އުދަގޫ ވެއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލަށް ފާޑުކިޔުންތައް އިތުރުވަމުންދިއުމާ ގުޅިގެން އިސްރާއީލުގެ ރައްޔިތުން މިހާރު ބޭރަށް ދަތުރުކުރުމަށް ޖެހިލުންވާ ކަމަށް އާ ސާވޭއަކުން ހާމަވެއްޖެއެވެ. ޣައްޒާގައި ޔަހޫދީން ހިންގާ ހޮލޮކޯސްޓުން އިސްރާއީލަށް ބައިނަލްއަގުވާމީ ފާޑުކިޔުންތައް ބޮޑުވެ، އެގައުމު އެކަހެރިވަމުންދާން ފަށައިފިއެވެ. އަދި އެކަމާ ގުޅިގެން އިޒްރޭލު ރައްޔިތުންނަށް ބޭރުގައި ފުރައްސާރަ ކުރުމާ ކުރިމަތިލާން ޖެހިފައި ވެއެވެ.

އިސްރާއީލުގެ ޓެލެވިޒަން ޗެނަލް 12 އިން ދާދިފަހުން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ %56 މީހުން ގައުމުން ބޭރަށް ދަތުރުކުރަން ބިރު ގަނެއެވެ. އަދި ޔަހޫދީންގެ ގައުމަށް ބައިނަލްއަގުވާމީ ފާޑުކިޔުންތައް އިތުރުވަމުންދާތީ ކަމަށް ބުނެފައި ވެއެވެ. މި ހުކުރު ދުވަހު އާންމުކުރި މި ހޯދުންތަކުން ހާމަވަނީ، ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލުގެ ބައިނަލްއަގުވާމީ އެކަހެރިކަން ބޮޑުވަމުން އަންނަ ކަމަށެވެ.

މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ، ޖުލައި މަހުގެ 22 ވަނަ ދުވަހު ގްރީސްގެ ސައިރޯސް ޖަޒީރާގައި ޔަހޫދީ ޓޫރިސްޓުން އެ ޖަޒީރާއަށް ފޭބިޔަ ނުދީ ކުރިއަށް ގެންދިޔަ ދެކޮޅުވެރި މުޒާހަރާއެއް ހިނގި ފަހުންނެވެ. މި ހާދިސާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެނބުރުމުން މިކަމުގެ ސަބަބުން އިސްރާއީލުގެ މީހުންގެ ސަލާމަތާއި، ބޭރުގައި އެމީހުން ބަލައިގަތުމާ މެދު ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ބެލްޖިއަމަށް ދިޔަ ސިފައިންގެ ދެމީހެއްގެ މައްސަލަވެސް ވަނީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ޗެނަލް 12 ގެ މި ޕޯލްގައި ބައިވެރިވި %67 މީހުން ވަނީ އިސްރާއީލުގެ މިހާރުގެ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެމީހުން ގަބޫލުކުރަނީ ސަރުކާރުން ކަން ކުރަނީ އާންމުން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ.

އަދި ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން %62 މީހުން ތާއީދުކުރަނީ، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ހަމާސާއެކު އެއްބަސްވުމަކަށް އައުމަށެވެ.

ޖޫން 2025 އިން ފެށިގެން ޕިއު ރިސާޗް ސެންޓަރުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، އިސްރާއީލުގެ %58 މީހުން ގަބޫލުކުރަނީ އެމީހުންގެ ގައުމަކީ ދުނިޔޭގެ ފެންވަރުގައި މީހުން ބަލައިގަންނަ ގައުމެއް ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!