ޔަހޫދީންގެ ޓެރަރިސްޓް ހަރުކަށި މިނިސްޓަރު އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާ ބެން ގްވީރު އިސްވެ ހުރެގެން ޔަހޫދީންގެ އެތައް ސަތޭކަ މީހުންނާ އެކު މަސްޖިދުލްއަގްސާއަށް ވަދެ އެތާގެ ޙުރުމަތް ކަނޑާލައިފިއެވެ.
މިމީހުން މަސްޖިދުލްއަޤްޞާއަށް ވަދެފައި ވަނީ އަންޒަމާނުގައި އެތާގައި ހުރި ޔަހޫދީންގެ "ފައްޅި ނައްތާލުމުގެ އަހަރީ ދުވަހުގެ" މުނާސަބާ ފާހަގަ ކުރުމަށް ކަމަށް ބުނެއެވެ.
ބެންގްވީރު އޭނާގެ ޓެރަރިސްޓް ސަޕޯޓަރުންނާއެކު ޤުދުސްއަށް ވަންނަމުން ބުނެފައި ވަނީ އޭނާއާއި ސަޕޯޓަރުންގެ މަގްސަދަކީ މަސްޖިދުލްއަގްސާ ހުރިތާނގައި އަލުން ޔަހޫދީންގެ ފައްޅި ބިނާކުރުން ކަމަށެވެ.
ފަލަސްޠީނުގެ އަވްޤާފް އިދާރާއިން ބުނެފައި ވަނީ، މިއަހަރުގެ އަހަރީ ދުވަހަކީ އަލްއަގްސާ މިސްކިތަށް އެންމެ ނުރައްކާތެރި އެއް ދުވަސް ކަމަށެވެ.
މަސްޖިދުލް އަޤްސާގެ ޙުރުމަތް ކަނޑާލައި އެތަނަށް ޔަހޫދީ ޒަޔަނިސްޓުން ވަނުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ. ޔަހޫދީ ޓެރަރިސްޓުން އެތަނަށް ވަންނަ ކޮންމެ ހިނދަކު އެމީހުންނާއެކު ޔަހޫދީންގެ ޓެރަރިސްޓް ސިފައިންވެސް ވަދެއެވެ.
މީގެ ހަފްތާއެއްހައި ދުވަސްކުރިން ޓެރަރިސްޓް ބެންގްވީރު ވަނީ ޔަހޫދީ ޓެރަރިސްޓުންނަށް އަލްއަޤްޞާގައި ނަށައި ލަވަކިޔައި އުޅުމުގެ ހުއްދަ ދީފައެވެ.






