ރަޝިޔާ ކައިރިއަށް ދެ ސެބްމެރިން ފޮނުވުމަށް އެމެރިކާ ރައީސް ނިންމުމުން ރަޝިޔާއިން އެކަމަށް ރައްދު ދީފިއެވެ. އެމެރިކާގެ ދެ ނިއުކްލިއާ ސަބްމެރިން ރަޝިޔާ ކައިރީގައިވާ ސަރަހައްދުތަކަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމާ ގުޅިގެން ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ވިކްޓަރ ވޮޑޮލަޓްސްކީ ވަނީ ހަރުކަށި އިބާރާތުން ރައްދު ދެއްވާފައެވެ.
ރަޝިޔާ ޕާލަމެންޓް، ސްޓޭޓް ޑޫމާ ގެ ފުރަތަމަ ޑެޕިއުޓީ ޗެއާމަން ވޮޑޮލަޓްސްކީ ވިދާޅުވެފައިވަނީ "ދުނިޔޭގެ ކަނޑުތަކުގައި ރަޝިޔާގެ ނިއުކްލިއާ ސަބްމެރިންތައް މާގިނަވާނެ. އަދި އެ ސެބްމެރިންތަކުގައި މާ ބާރުގަދަ، ހަތިޔާރުތައް ހުންނާނެ" ކަމަށެވެ. އަދި މޮސްކޯއިން ބޭނުންނަމަ، ވޮޝިންޓަނަށް ވުރެ މާގިނަ އަދަދަކަށް ސަބްމެރިންތައް ގުނާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ރަޝިޔާ ކައިރިއަށް 2 ސެބްމެރިން ފޮނުވުމަށް ނިންމީ، ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވި ވާހަކައަކާ ގުޅިގެންނެވެ. ޔުކްރޭން ހަނގުރާމަ ހުއްޓާލާށޭ ބުނެ ޓްރަމްޕް ދިން އިންޒާރާ ގުޅިގެން ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ "ޓްރަމްޕް ރަޝިޔާއާ އެކު ކުޅެނީ ކުޅިވަރެއް: ބައެއް ފަހަރަށް 50 ދުވަސް އަނެއް ބައި ފަހަރު 10 ދުވަހުގެ މުހުލަތެއް ދީފާނެ. އޭނާ ހަނދާން ކުރަން ޖެހޭނީ ދެ ކަމެއް: އެއީ، ރަޝިޔާ އަކީ އިސްރާއީލެއް ވެސް ނޫން އަދި އީރާން ވެސް ނޫން. އަދި ކޮންމެ ބިރު ދެއްކުމަކީ ހަނގުރާމައާ ކައިރިއަށް ޖެހިލުމަށް ދެވޭ ދައުވަތެއް.." ކަމަށެވެ. ރަޝިޔާގެ މަސްއޫލުވެރިން ވިދާޅުވަނީ ޓްރަމްޕްގެ ވިސްނުމަކީ ވަހުތާނެއް ކަމަށެވެ. ކޮންމެ 24 ގަޑިއިރެއްގައި އެ ހުންނަނީ ބަދަލުވޭވޭ ކަމަށެވެ.
އިއްޔެ، ޗައިނާއާއާއި ރަޝިޔާއިން ވަނީ ޖަޕާނުގެ ކަނޑުގައި އާޓިލަރީ އާއި އެންޓި ސަބްމެރިން ޑްރިލްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އިންޓަފެކްސް ނިއުސް އެޖެންސީން ބުނާ ގޮތުގައި މި ޑްރިލްތަކުގައި ސެބްމެރިންއާ ދެކޮޅަށް ބޭނުންވާ ރަޝިޔާގެ ބޮޑު އެންޓި ސަބްމެރިން މަނަވަރަކާއި ޗައިނާގެ ދެ ޑިސްޓްރޯޔަރެއް ވެސް ބައިވެރިވިއެވެ. މި ތަމްރީނުތަކަކީ ކުރިން ޝެޑިއުލްކޮށްފައި ހުރި ތަމްރީނުތަކެކެވެ.







