ޑިމޮކްރެޓުންގެ ތެރޭގައި ޒަޔަނިޒަމްގެ މަގްބޫލުކަން ގެއްލެމުން ދާތީ، ގިނަ ޕާޓީތަކުގެ ލީޑަރުން ދަނީ އިސްރާއީލާ ދެކޮޅު ވިސްނުންތައް ވިސްނަމުންނެވެ. އެފަރާތްތަކުން ދަނީ އަންނަ އަހަރުގެ މެދު ތެރޭގައި އޮންނަ ކޮންގްރެސްގެ އިންތިޚާބާއި 2028 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި އިސްރާއީލުގެ ހޮލޮކޯސްޓްގެ މައްސަލައަކީ ޓެސްޓަކަށް ވެދާނެ ކަމަށް ލަފާކޮށް އެކަން ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅިގެން ސީއެންއެން އިން ގެނަސްފައިވާ ރިޕޯޓުގައި ކޮންގްރެސްގެ މެމްބަރުންނާ ހަވާލާދީ ބުނެފައި ވަނީ އެމީހުން ދެކޭ ގޮތުގައި މިހާރު މިކަން ކުރަން މާލަސްވެސް ވެއްޖެއެވެ.
ސެނެޓްގައި ގިނަ އަދަދެއްގެ ޑިމޮކްރެޓުންގެ ތާއީދު އޮންނައިރު އިސްރާއީލަށް އިތުރު ހަތިޔާރު ވިއްކުން ހުއްޓުވުމަށް މިދިޔަ ހަފްތާގައި ނެރުނު ނާކާމިޔާބު ގަރާރަކީ މިކަމުގެ ފެށުމެކެވެ.
އޭގެ އިތުރުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ކޮންގްރެސްގެ މެމްބަރުންނަށް ސިޓީއެއްވެސް ލިބެމުން ދެއެވެ. އަދި އެ ސިޓީއަށް ކޮންގްރެސްގެ މެމްބަރުންގެ ސޮއި ވެސް ދަނީ ލިބެމުންނެވެ.
ކޮންގްރެސްގައި އިސްރާއީލުގެ ވަފާތެރި އެކުވެރިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ޚިޔާލު ފާޅުކުރަން ފަށާފައި ވަނީ، ޔަހޫދީ ހޮލޮކޯސްޓް ފެށިފަހުން ފެންނަމުންދާ މަންޒަރުތަކުން އެމެރިކާގެ އާންމުންގެ މެދުގައި ޔަހޫދީ ދައުލަތުގެ ތާއީދު ގެއްލެމުން ދިއުމާ ގުޅިގެންނެވެ.
އިސްރާއީލު ސަރުކާރާއި ޔަހޫދީންގެ ލޮބީ ގްރޫޕެއް ކަމަށްވާ އެމެރިކަން އިސްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީން ކޮންގްރެސް މެމްބަރުންނަށް ބިރުދައްކާ ކަމަށް ވެސް ސީއެންއެން ބުނެއެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ބެހެއްޓުމަކާ ނުލައި ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުން ދަނީ ޣައްޒާއިން ފެންނަ ތަސްވީރުތަކުން ނުތަނަވަސްވެގެން އެމީހުންގެ ވިސްނުން ބަދަލު ކުރަމުންނެވެ. އެކަމާ ގުޅިގެން އެމީހުން ދަނީ ކޮންގްރެސްގެ މެމްބަރުންނަށް ފައިސާދޭ ޔަހޫދީ އައިޕެކް އިން ފޮނުވާ ޓެކްސްޓް މެސެޖުތަކާއި ފޯނު ކޯލުތަކަށް ބީރުކަންފަތެއް ދެމުން ކަމަށްވެސް ސީއެންއެންގެ ރޕޯޓުގައި ބުނެއެވެ.
އެމެރިކާގެ އާންމުންގެ މެދުގައިވެސް ޔަހޫދީންގެ ދައުލަތުގެ ނުލަފާ ކަމާ ހެދި ޚިޔާލުތައް ބަދަލު ވަމުންދާ ތަން ދަނީ ފެންނަމުންނެވެ. އަދި ހަމައެފަދައިން ސިޔާސަތު އެކުލަވާލާ ކޮންގްރެސްގެ މެމެބްރުންވެސް ދަނީ ޔަހުދީންގެ ނުލަފާކަމަށް ހައްސާސް ވަމުންނެވެ.
ޑިމޮކްރެޓުންނާއި ޑިމޮކްރެޓިކް ޕާޓީއަށް ވަފާތެރި މީހުންގެ މެދުގައި ނަގާފައިޥާ ޚިޔާލު ހޯދުމަކުން ދައްކަނީ ޔަހޫދީން އޮޅުވާލުމަށް ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް މިހާރު މީހުންނަށް ސާފުވާން ފަށާފައިޥާ ހެންނެވެ.
މާޗް މަހު ނަގާފައިވާ ޚިޔާލު ހޯދުމެއްގައި 59 އިންސައްތަ މީހުން ބުނެފައި ވަނީ އެމެރިކާއިން އިސްރާއީލަށް މާގިނައިން ހަތިޔާރު ދެނީ ކަމަށެވެ. ކުރިން މިނިސްބަތް އުޅުނީ 44 އިންސައްތައިގައެވެ.
ޑިމޮކްރެޓިކް ޕާޓީއާ ގުޅިފައިވާ އުމުރުން 35 އަހަރުން ދަށުގެ ބޮޑެތި މީހުން ދަނީ އެމެރިކާއިން އިސްރާއީލަށް އަސްކަރީ އެހީ ދިނުމާ ދެކޮޅު ހަދަމުންނެވެ. އެމީހުންގެ %72 މީހުން ބުނަނީ އެމެރިކާއިން ޔަހޫދީންނަށް މާ ގިނަ ކަންތައްތައް ކޮށްދެމުންދާ ކަމަށެވެ.






