އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުމާ ގުޅިގެން، އެ ޤައުމުގެ މުދަލުގެ ޓެރިފް ބޮޑު ކުރާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ބަޔާނެއް ނެރެފައެވެ. އިންޑިއާއިން ވަނީ، އިންޑިއާގެ ރިފައިނަރީތަކުން ކްރޫޑް އޮއިލް އެކްސްޕޯޓް ކުރުމާމެދު ޔޫރަޕިއަން ޔޫނިއަނުން ނުރުހުން ފާޅުކޮށްފައިވާ ކަންވެސ ްފާހަގަ ކޮށްފައެވެ. އިންޑިއާއިން ބުނަނީ އެ ގައުމުތަކުން އަމިއްލައަށް ރަޝިޔާއިން ތެލާއި ގޭސް ގަނެ ވިޔަފާރި ކުރާއިރު، އެފަރާތްތަކުން އިންޑިއާއަށް ހުރަސް އަޅާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ދުނިޔޭގެ މާކެޓުގެ ހާލަތު އޮތް ގޮތުން ރަޝިޔާއިން މުދާ އެތެރެކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް މިކަމާމެދު ފާޑުކިޔާ ޤައުމުތަކުން ވެސް ރަޝިޔާއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދާ ކަމަށެވެ.
އިންޑިއާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ގައި ޔޫރަޕިއަން ޔޫނިއަނުން ރަޝިޔާއާއެކު 67.5 ބިލިއަން ޔޫރޯގެ މުދަލުގެ ވިޔަފާރި ކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރު ކޮށްފައިވާ ޚިދުމަތުގެ ވިޔަފާރި 17.2 ބިލިއަން ޔޫރޯއަށް އަރާނެ ކަމަށް ވެސް ލަފާކުރެވެއެވެ. މިއީ އިންޑިއާއިން އެ މުއްދަތުގައި ރަޝިޔާއާއެކު ކުރި ވިޔަފާރިއަށްވުރެ މާ ބޮޑު އަދަދެއް ކަމަށް އިންޑިއާއިން ބުނެއެވެ.
ޔޫރަޕާއި ރަޝިޔާ ދެމެދު ކުރެވޭ ވިޔަފާރީގައި ހަކަތައިގެ އިތުރުން، ފޮތި، މައުދަނުގެ އުފެއްދުންތައް، ކެމިކަލް، ދަގަނޑު، މެޝިނަރީ އަދި ދަތުރުފަތުރުގެ ސާމާނު ހިމެނޭކަން އިންޑިއާގެ ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެމެރިކާއިން ވެސް ރަޝިޔާއިން ނިއުކްލިއަރ ދާއިރާއަށް ބޭނުންވާ ޔުރޭނިއަމް ހެކްސަފްލޮރައިޑް، އިލެކްޓްރިކް ވެހިކަލް އިންޑަސްޓްރީއަށް ބޭނުންވާ ޕެލޭޑިއަމް، ފޮތި އަދި ކެމިކަލް އެތެރެކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
އިންޑިއާިއން ބުނެފައި ވަނީ އިންޑިއާގެ ވިޔަފާރިއަށް ހުރަސް އަޅާނަމަ އިންޑިއާއިން ވާނީ ދެން އަމަލު ކުރާނެ ގޮތުގެ ޕްލޭނަކާ މެދުވެސް ވިސްނާފައެވެ.







