ޕާކިސްތާނުން ހަނދު ދިރާސާ ކުރުމަށް އުޅަނދެއް ފޮނުވުމަށް ނިންމައިފިއެވެ. އިންޑިއާއަށް ވުރެ ދިހަ އަހަރު ކުރިން ޕާކިސްތާނުން ޖައްވީ ދިރާސާ ޕްރޮގްރާމް ފެށި ނަމަވެސް މިހާތަނަށް ޕާކިސްތާނުން އަމިއްލައަށް ޖައްވަށް އުޅަނދެއް ފޮނުވާފައެއް ނުވެއެވެ.
ޕާކިސްތާނުން ތައްޔާރުވަމުން އަންނަނީ ޗައިނާގެ ރޮކެޓެއްގެ އެހީގައި ޖައްވީ އުޅަނދެއް ހަނދަށް ބޭލުމަށެވެ. މިކަން އިއުލާން ކުރެއްވީ ޕާކިސްތާންގެ މިނިސްޓަރު ފޯ ޕްލޭނިން، ޑިވެލޮޕްމަންޓް އެންޑް ސްޕެޝަލް އިނިޝިއޭޓިވްސް އަހުސަން އިގްބާލްއެވެ. އޭނާ ވަނީ ޗައިނާގެ އެޓޮމިކް އެނާޖީ އޮތޯރިޓީ އާއި ސްޕޭސް އެޖެންސީގެ ހެޑް ޝާން ޒޮންގްޑޭ އާއި ޗައިނާގެ ޖައްވީ އޮފިޝަލުންނާ އެކު ބެއިޖިންގައި މަޝްވަރާތައް ބާއްވަވާފައެވެ. އަދި ދެ ގައުމުން ގުޅިގެން ޖައްވީ މަސައްކަތުގައި ގުޅުން ބަދަހި ކުރުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
ހަނދަށް ބާލާ އުޅަނދު އުފެއްދުމުގެ ކަންކަން ބަލަހައްޓަނީ ޕާކިސްތާނުގެ ސްޕޭސް އެންޑް އަޕަރ އެޓްމޮސްފިއާ ރިސާޗް ކޮމިޝަން (ސުޕާކޯ) އިންނެވެ. ޕާކިސްތާނުން މިހާތަނަށް އަދިވެސް ސެޓެލައިޓް ނުވަތަ ޖައްވީ މިޝަނެއް އަމިއްލައަށް ފޮނުވާފައެއް ނުވެ އެވެ.
ހަނދުގެ ދެކުނު ސަރަހައްދަށް ޕާކިސްތާނުން ފޮނުވާ އުޅަނދު ފޮނުވާނީ ޗައިނާގެ ޗަންގް-8 މިޝަނަށް ގައެވެ. އެ މިޝަންގައި 2028 ވަނަ އަހަރު ޕާކިސްތާންގެ 35 ކިލޯގެ ލޫނާ ރޯވަރު އުޅަނދު އުފުލައި ދޭނެއެވެ.
މި ރޯވަރުގައި ސައިންޓިފިކް އެކްސްޕެރިމެންޓްތައް ކުރިއަށް ގެންދިއުމާއި، ފަސްގަނޑު ތަހުލީލުކުރުމާއި، ރިސޯސް ބޭނުން ކުރާނެ ގޮތް ވަޒަންކުރާނެ އެވެ.




