ރަޝިއާއިން ތެޔޮ ގަންނާތީ އިންޑިއާއަށް އަމާޒު ކޮށްފައިވާ އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ވަނީ ރައްދު ދޭން ފަށާފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަމުންދާނަމަ، އިންޑިއާގެ މުދަލަށް ނަގާ ޓެރިފް އިތުރުކުރާނެ ކަމަށް ބުނެ އިންޒާރުދީފައެވެ. އަދި މިހާރުވެސް އެމެރިކާއިން ވަނީ ރަޝިއާއިން ތެލާއި ހަތިޔާރު ގަތުމާ ގުޅިގެން އިންޑިއާގެ މުދަލަށް 25 ޕަސެންޓްގެ ޓެރިފެއް ނަގަން ފަށާފައެވެ.
އިންޑިއާއިން ބުނެފައިވަނީ 2022 ގައި ރަޝިއާ ޔޫކްރެއިން ހަނގުރާމަ ފެށި ފަހުންވެސް ރަޝިޔާއިން އިންޑިއާއަށް ވުރެން މާގިނައިން ޔޫރަޕުން ވިޔަފާރި ކުރާ ކަމަށެވެ. އިންޑިއާއިން ފާހަގަކުރި ގޮތުގައި އެ ގައުމަށް ފާޑުކިޔާ އީޔޫގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ގައި އީޔޫ-ރަޝިއާ ވިޔަފާރި 67.5 ބިލިއަން ޔޫރޯއަށް އަރާފައިވެއެވެ. އެއީ 78 ބިލިއަން ޑޮލަރުގެ ވިޔަފާރިއެވެ.
މި އަދަދުތަކާ ހަވާލާދީ އިންޑިއާއިން ބުނެފައި ވަނީ ޔޫރަޕްގެ ވިޔަފާރި ރަޝިޔާއާ އެކު އިންޑިއާއިން ކުރާ ޖުމްލަ ވިޔަފާރިއަށް ވުރެ "މާބޮޑަށް އިތުރު" ކަމަށެވެ. މޮސްކޯގައި ހުންނަ އިންޑިއާ އެމްބަސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ މާޗް މަހު ނިމުނު އަހަރު ނިއުދިއްލީ އާއި މޮސްކޯއާ ދެމެދު ކޮށްފައިވާ ވިޔަފާރި 68.7 ބިލިއަން ޑޮލަރަށް އަރައެވެ.
މީގެ އިތުރުން އީޔޫއަކީ 2024 ވަނަ އަހަރު ރަޝިޔާގެ ތިންވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށާއި، އަދި ރަޝިޔާގެ ވިޔަފާރީގެ 3 ވަނައަށް އެންމެ ބޮޑު ބައިވެރިޔާ ޔޫރަޕަކީ، ވިޔަފާރީގެ %38.4 ހިއްސާކުރާ ފަރާތް ކަމަށްވެސް އިންޑިއާއިން ބުނެއެވެ.





