އެމެރިކާގެ ކޮންގްރެސްގެ 13 ޑިމޮކްރެޓިކް މެންބަރުން، ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވި ސިޓީއެއްގައި ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވައިފިއެވެ. މިކަމުގައި އިސްކޮށް އުޅުއްވަނީ އިންޑިއާ ދަރިކޮޅުގެ ކޮންގްރެސްމަން ރޯ ކަންނާ އެވެ. އޭނާ ބުނިގޮތުގައި އޭނާއާ ބައިވެރިންގެ މަސައްކަތަށް ޔަހޫދީގެ އެޖެންޑާ ޕްރޮމޯޓު ކުރަން މަސައްކަތް ކުރާ ޔަހޫދީ ޕަބްލިކް އެފެއާޒް ކޮމިޓީ އައިޕެކްއިން ދަނީ ބޮޑެތި ހުރަސްތައް ކުރިމަތި ކުރަމުންނެވެ. ކޮންގްރެސްގެ މެމްބަރުންނަށް ކަންނާއާއި ބައިވެރިން ފޮނުވި ސިޓީވެސް އައިޕެކް އިން ވަނީ މީޑިއާއަށް ފާއްދާލައި އެމީހުންނާ ދެކޮޅަށް ކެމްޕޭނެއް ފަށާފައެވެ.
މި ސިޓީގައި މެންބަރުން ފާހަގަ ކޮށްފައިވަނީ މިވަގުތަކީ ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ލިބިގެންވާ ކަމަށް ބަލައިގަންނަން ޖެހިފައިވާ ވަގުތު ކަމަށެވެ. ޑިމޮކްރެޓިކް މެންބަރު ރޯ ކަނާ ވިދާޅުވެފައިވަނީ މިހާތަނަށް 147 ގައުމުން ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށާއި، މިނިވަން ދުނިޔެއިން އެކަހެރިވެ ތިބެވޭކަށެއް ނެތް ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީން ފަލަސްޠީނުގެ ހޮލޮކޯސްޓް ފެށިފަހުން، މިހާތަނަށް ފްރާންސްއާއި ޔޫކޭއާއި ކެނެޑާ ފަދަ 10 ގައުމަކުން ވަނީ ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި 2024 ވަނަ އަހަރު ކެރިބިއަން ސަރަހައްދުގެ 4 ގައުމަކާއި ޔޫރަޕްގެ 5 ގައުމަކުން ވެސް ވަނީ ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ.
އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓްގެ ސަބަބުން މިހާތަނަށް 203،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެ އަދި ޒަޚަމްވެފައިވާ ކަމަށް އެކަޑެމިކް ފަރާތްތަކުން ބުނެ އެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 10،000 އަށްވުރެ ގިނަ މީހުން ވަނީ ބޮންއަޅައިގެން ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުވެ ގެއްލިފައެވެ. އަދި އެތައް ލައްކަ މީހުން ވަނީ ބަނޑަށް ޖެހި ފައެވެ. އަދި އެތައް ބަޔަކު ވަނީ ބަނޑަށް މަރުވެފައެވެ.
އިސްރާއީލުގެ ހޮލޮކޯސްޓާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނާއި ސަރުކާރުތަކުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން އިޒްރޭލުގެ ޒިންމާއާ ބެހޭ ގޮތުން ބައިނަލްއަގުވާމީ ކޯޓުން އަމުރުކުރި ނަމަވެސް، ޔަހުދީން ދަނީ އެ އަމުރުތަކަށް އިހުތިރާމް ނުކޮށް، އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގެ ރައްޔިތުންގެ ނަސްލު ސާފުކޮށް ޖެނޮސައިޑް ހިންގަމުންނެވެ.






