އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު އެހޫދް އޯލްމަރޓް ބުނަނީ އިސްރާއީލަކީ މިހާރު ދުނިޔެއިން ބަލައި ނުގަންނަ ޤައުމަކަށް ވެފައިވާ ކަމަށާއި، ޣައްޒާގައި ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަނެވޭނެ އަދި މަޢާފުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.
މީޑިއާއާ ވާހަކަ ދައްކަމުން އޯލްމަރޓް ބުނެފައިވަނީ އިސްރާއީލަށް އެ ޤައުމުގެ އެކުވެރިންގެ ތާއީދުވެސް ގެއްލެމުންދާ ކަމަށެވެ. މީގެ ތެރޭގައި ނާޒީން ވެރިކަން ކުރި ޖަރުމަނުވިލާތް ހިމެނޭ ކަމަށާއި، އަދި ޖަރުމަންގައި އިސްރާއީލާ ދެކޮޅަށް ދަޢުވާތައް ކުރަން ޕްރެޝަރު ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން އަދި ޔޫކޭ ބޮޑުވަޒީރު ކިއަރ ސްޓާމަރ އަކީ ޔަހޫދީންނާ ދެކޮޅު ބޭފުޅުން ކަމަށް ކުރެވޭ ތުހުމަތުތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އޯލްމަރޓް ބުންޏެވެ. އަދި ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވަޒީރުން މި ތުހުމަތުތައް ބޭނުންކުރަނީ އެމީހުންގެ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުން ސަލާމަތްވުމަށް ކަމަށް ބުންޏެވެ.
"އަޅުގަނޑުމެންނަށް ހުޅަނގުގެ އެންމެ ބާރުގަދަ، މުހިންމު އަދި ކުރިއަރާފައިވާ ޤައުމުތަކުން ލިބެމުން އައި ބައިނަލްއަޤްވާމީ ތާއީދު ގެއްލެމުން މިދަނީ،" އޯލްމަރޓް ބުންޏެވެ.
15 އަހަރު ވަންދެން ދުނިޔޭގެ އެންމެ ބޮޑު ކޮންސެންޓްރޭޝަން ކޭމްޕްގެ ގޮތުގައި ޣައްޒާ ބޭއްވުމާ ގުޅިގެން ޙަމާސްއިން އޮކްޓޯބަރު 7 ގައި ފެށި މިނިވަންކަމުގެ ހަނގުރާމައާއި މިހާރު އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ހިންގަމުންދާ އަނިޔާވެރި ހޮލޮކޯސްޓްގެ ޢަމަލުތަކުގައި ތަފާތުތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.
އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 203،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެ އަދި ޒަޚަމްވެފައިވާ ކަމަށް އެކަޑެމިކް ފަރާތްތަކުން ބުނެ އެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 10،000 އަށްވުރެ ގިނަ މީހުން ވަނީ ބޮންއަޅައިގެން ވައްޓާލާފައިވާ އިމާރާތްތަކުގެ ދަށުވެ ގެއްލިފައެވެ.






