ރުވަންޑާއިން އަރުވާލާ މީހުން ބަލައި ގަތުމުގެ ވިޔަފާރީގައި

ރުވާންޑާ ސަރުކާރުން ވަނީ ޓްރަމްޕްގެ ސަރުކާރުން އަރުވާލާ މުހާޖިރުން ބަލައި ގަތުމަށް އެމެރިކާއާއެކު ވިޔަފާރީގެ ގޮތުން އެއްބަސްވެފައި ކަމަށް ކިގާލީން ބުނެފިއެވެ. ފުރަތަމަ ބުރުގައި ރުވަންޑާއިން 250 މުހާޖިރުން ބަލައި ގަންނާނެއެވެ.

ރުވާންޑާގެ އޮފިޝަލް ވިދާޅުވީ އެމެރިކާ އާއި ރުވާންޑާގެ އޮފިޝަލުން ޖޫން މަހު ކިގާލީގައި މި ކަމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ވޮޝިންޓަނުން ވަނީ އަރުވާލާ ފުރަތަމަ ބުރުގެ 10 މީހުންގެ ލިސްޓެއް ކިގާލީއާ ހިއްސާކޮށްފައެވެ.

ރުވަންޑާއަށް އަރުވާލާ މީހުން ބަލައި ގަތުމުގެ ކުރިން އެގައުމުން އެމީހާގެ ވަނަވަރު ބަލާނެއެވެ. އަދި އެއްބަސްވާ މީހުން ބަލައިގަނެ، ރުވާންޑާގައި ދިރިއުޅުން ފެށުމަށް ބޭނުންވާ މަސައްކަތުގެ ތަމްރީނާއި ސިއްޙީ ފަރުވާއާއި ރެޒިޑެންސީ ސަޕޯޓް ފޯރުކޮށް ދޭނެއެވެ.

އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް މިލިއަން މީހުން 3 ވަނަ ގައުމަކަށް އަރުވާލުމަށް ޓްރަމްޕް ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ޓްރަމްޕް މީހުން އަރުވާލަނީ، ދެކުނު ސޫދާނާއި ކުރީގެ ސްވާޒިލޭންޑްގެ ނަމުން މަޝްހޫރު އެސްވާޓީނީއަށެވެ.

ރުވަންޑާއިން މީހުން ބަލައިގަންނާނީ ވިޔަފާރި އުސޫލުންނެވެ. ނަމަވެސް ދެފަރާތުން އެކަމަށް އެއްބަސްވެފައިވާ އަގު ހާމަކުރަން ދެކޮޅު ހަދައެވެ.

ރުވަންޑާގެ މަސްއޫލުވެރިޔާ ވިދާޅުވީ އަރުވާލާ މީހާ ކޮންމެހެން ރުވާންޑާގައި މަޑުކުރުން ލާޒިމެއް ނޫން ކަމަށާއި ބޭނުން ކޮންމެ ވަގުތަކު އެމީހާއަށް ފުރައިގެން ދެވިދާނެ ކަމަށެވެ.

އެގޮތުން ކިގާލީއިން ބަލައިގަންނަނީ ޖަލު ހުކުމް ފުރިހަމަކޮށްފައިވާ ނުވަތަ ޖިނާއީ ދައުވާއެއް ނެތް މީހުންނެވެ. އަދި ކުޑަކުދިންނާ ބެހިފައިވާ މީހުން ބަލައި ނުގަންނާނެ ކަމަށް ބުނެފައި ވެއެވެ.

ކިގާލީއަކީ އަރުވާލާ މީހުން ބަލައިގަތުން ވިޔަފާރިއަކަށް ހަދަން ބޭނުންވާ ގައުމެކެވެ. އިނގިރޭސިންނާއެކު ވެސް 2022ގައި އެފަދަ އެއްބަސްވުމެއް ހެއްޖެވެ. ނަމވެސް އެއަށް އަމަލު ކޮށްފައި ނުވަނީ އިނގިރޭސިން އެކަމާ ދެކޮޅަށް އަޑު އުފުލުމުންނެވެ.

ހިއްސާ ކުރައްވާ!