އުއިގޫރު މީހުން ހިމާޔަތް ކުރުމަށް އެމެރިކާ ކޮންގްރެސްއިން ބިލްތަކެއް ފާސްކުރަނީ

ޗައިނާ ސަރުކާރުގެ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި އެ ޤައުމުގެ ނުފޫޒު އިތުރުވަމުންދާ މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ސެނެޓަށް ހުށަހެޅިފައިވާ ތިން މުހިންމު ބިލަށް ވޯލްޑް އުއިގޫރު ކޮންގްރެސް އިން، މަރުޙަބާ ކިޔައިފިއެވެ. އުއިގޫރު ކޮންގްރެސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސެނެޓަރ ޖެފް މާކްލީ އަދި ޖޯން ކޯނިން އަދި ޖޯން ކަރޓިސް އާއި ޑޭން ސަލިވަން ގުޅިގެން ހުށަހެޅި މި ބިލުތަކަކީ، ޗައިނާގެ އެތެރޭގެ އަދި ބޭރުގައި ހިންގާ ހަރުކަށި އަމަލުތަކަށް އެމެރިކާއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ކޮންގްރެސްގައި ދެކޭކަން ދައްކުވައިދޭ މުހިންމު ނިންމުމެކެވެ.

ސެނެޓަރ ޖެފް މާކްލީ އަދި ޖޮން ކޯނިން ސްޕޮންސަރ ކުރާ "ޕްރިވެންޓިންގ ދަ ފޯސްޑް ރިޓާން އޮފް އުއިގޫރްސް އެކްޓް 2025″ ގެ މަޤްޞަދަކީ އުއިގޫރުންނާއި އެހެނިހެން މީހުން މަޖުބޫރުން އަނބުރާ ޗައިނާއަށް ފޮނުވުމުގައި ބައިވެރިވާ ނުވަތަ ބައިވެރިވެފައިވާ ޗައިނާގެ އޮފިޝަލުން އެމެރިކާއަށް ވަނުން މަނާކުރުމެވެ. ގަދަކަމުން ޗައިނާއަށް އަނބުރާ ފޮނުވޭ މީހުންނަށް ގިނަފަހަރަށް ކުރިމަތިވަނީ ހައްޔަރުކުރުމާއި، އަނިޔާކުރުމާއި، ނިޒާމުން ގެއްލުވާލުން ނުވަތަ އެއަށްވުރެ ނުރައްކާތެރި ނަތީޖާތައް ކަމަށް ބުނެފައި ވެއެވެ. މި ބިލުގެ ދަށުން މިފަދަ ފަރާތްތަކުގެ މަޢުލޫމާތު އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އަށް ރިޕޯޓުކުރަން ޖެހޭނެއެވެ. އަދި އެސެޓްތައް ފްރީޒްކުރުމާއި މާލީ މުޢާމަލާތްތައް ހުއްޓުވުން ފަދަ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވިސްނަން ޖެހޭނެއެވެ.

ސެނެޓަރ ޑޭން ސަލިވަން ސްޕޮންސަރ ކުރާ އެހެން ބިލެއް ކަމަށްވާ "ޓްރާންސްނޭޝަނަލް ރިޕްރެޝަން ޕޮލިސީ އެކްޓް 2025″ ގެ މަޤްޞަދަކީ ބޭރު ސަރުކާރުތަކުން ދެކޮޅުވެރިންނަށް ކުރާ އަނިޔާތަކާ ކުރިމަތިލައި ފިޔަވަޅު އެޅުމެވެ. މި ބިލުގައި ޗައިނާ ފާހަގަކޮށްފައިވަނީ މިފަދަ އަމަލުތައް ހިންގާ މައިގަނޑު ފަރާތެއްގެ ގޮތުގައެވެ. މި ބިލުގައި ހުށަހަޅާފައިވާ ގޮތުގައި، ޓްރާންސްނޭޝަނަލް އަނިޔާވެރި ޢަމަލުތައް ދެނެގަނެ އެކަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޓަރއެޖެންސީ ޓާސްކް ފޯހެއް އުފެއްދުމާއި، މަޢުލޫމާތު ހާމަކުރުމާއި، އަމާޒުކުރެވިފައިވާ ފިޔަވަޅުތަކާއި ވީޒާ ރެސްޓްރިކްޝަންތައް ތަންފީޒުކުރުމާއި، ޑަޔަސްޕޯރާ ކޮމިއުނިޓީތަކުގެ ރައްކާތެރިކަން އިތުރުކުރުން ހިމެނެއެވެ.

އަދި އިތުރު އެހެން ވަކި އިސްނެގުމެއްގެ ގޮތުން، ސެނެޓަރ ޖޮން ކަރޓިސް ވަނީ ތައިވާނަށް ދެވޭ ޑިޕްލޮމެޓިކް އެހީތެރިކަން އިތުރުކުރުމަށާއި، ލެޓިން އެމެރިކާ އަދި ކެރިބިއަން ޤައުމުތަކާއި ޓައިވާނާ ދެމެދު ގުޅުން ބަދަހިކުރުމަށާއި، ބެއިޖިންގގެ ފަރާތުން އިތުރުވަމުންދާ ޕްރެޝަރަށް ޖަވާބުދިނުމުގެ ގޮތުން އެމެރިކާ-ތައިވާން އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ބިލެއް ވެސް ހުށަހަޅާފައެވެ.

މި ބިލުތައް ހުށަހަޅާފައި ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ އުއިގޫރު މުޖުތަމަޢުތަކަށް އަމާޒުކޮށްގެން ކުރެވޭ ޓްރާންސްނޭޝަނަލް އަނިޔާވެރި ޢަމަލުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ޖާސޫސްކުރުމާއި، ބިރުދެއްކުމާއި އިންޒާރުދިނުން ހިމެނެއެވެ. އަދި ޗައިނާގެ ނުފޫޒުގެ ސަބަބުން ތިންވަނަ ޤައުމުތަކުން އުއިގޫރު ރެފިއުޖީން ހައްޔަރުކުރުމާއި ޑިޕޯޓްކުރުން އިތުރުވެފައިވެއެވެ. އުއިގޫރު މީހުންގެ މަޖިލީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިފަދަ ޢަމަލުތަކަކީ އަސާސީ އިންސާނީ ޙައްޤުތަކާ ޚިލާފު ކަންކަމެވެ. ވޯލްޑް އުއިގަރ ކޮންގްރެސްއިން ވަނީ މި ބިލުތައް އަވަހަށް ފާސްކުރުމަށް އެމެރިކާގެ ކޮންގްރެސްއަށް ގޮވާލާފައެވެ. އަދި އެހެން ޑިމޮކްރެޓިކް ޤައުމުތަކަށްވެސް ޗައިނާ ސަރުކާރުގެ ޢަމަލުތައް ހުއްޓުވުމަށް މިފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!