އެމެރިކާ ކޮންގްރެސްގެ ހައުސް އޯވަރސައިޓް ކޮމިޓީން ކުރީގެ ރައީސް ބިލް ކްލިންޓަނާއި، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އަދި އެފްބީއައި ގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކޮމީ އާއި ކުރީގެ އެޓަރނީ ޖެނެރަލް މެރިކް ގާލަންޑް އާއެކު އެތައް ބަޔަކަށް ހާޒިރުިވުމަށް ޗިޓް ފޮނުވައިފިއެވެ. މި ޗިޓް ފޮނުވީ ދައްލާލް ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅިގެން ތަހުގީގަށެވެ.
މި ޗިޓް ފޮނުވާފައިވަނީ ޓްރަމްޕްގެ ޖަސްޓިސް ޑިޕާޓްމަންޓުން އިތުރު ދަޢުވާތަކެއް ނުކުރާނެ ކަމަށާއި އިތުރު މަޢުލޫމާތެއް ހާމަނުކުރާނެ ކަމަށް ބުނުމާ ގުޅިގެން، ދެ ޕާޓީގެ މެންބަރުން މި މައްސަލައިގައި ހާމަކަން ބޮޑު ތަޙުޤީޤެއް ހިންގުމަށް ގޮވާލުމަށްފަހުއެވެ.
ބޮޑު ސުއްޓާއިން މޮނިކާ ލުއިންސްކީއާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް ކެނެތު ސްޓާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކްލިންޓަނާއި އެޕްސްޓީންގެ ގުޅުން އެތައް އަހަރެއްގެ ކުރިން ފެށުނު ކަމަށް ބެލެވެއެވެ. އެޕްޓީނަކީ ވެރިންނަށް އުމުރު ހަމަނުވާ އަންހެން ކުދިން ހޯދައިދިން މީހެކެވެ. އަދި 2002 އާއި 2003 އާ ދެމެދު ކްލިންޓަން އެޕްސްޓީންގެ އަމިއްލަ މަތިންދާބޯޓު "ލޮލިޓާ އެކްސްޕްރެސް" ގައި 26 ފަހަރު ދަތުރުކުރި ކަން ވެސް ވަނީ ހާމަވެފައެވެ. ނަމަވެސް ކްލިންޓަންގެ ޓީމުން ބުނަނީ އެއީ ހަމައެކަނި ހަތަރު ދަތުރު ކަމަށާއި، އެ ދަތުރުތަކުގައިސްޓާފުންނާއި ޖާސޫސީ އިދާރާގެ މުވައްޒަފުންވެސް ދިޔަ ކަމަށެވެ.
އެޕްސްޓީންގެ ޝިކާރައަކަށްވެފައިވާ ވިކްޓޯރިއާ ގިއުފްރޭ، 2025 ގައި އަމިއްލައަށް މަރުވުމުގެ ކުރިން ބުނެފައިވަނީ ކްލިންޓަން އެޕްސްޓީންގެ ޖަޒީގާއި "ދެ ރީތި އަންހެން ކުދިން" ނާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވި ކަމަށެވެ. އަދި އެޕްސްޓީންއާ ބެހޭ ގޮތުން މަޖައްލާ އާޓިކަލްއެއް ނެރެން އުޅުމުން ކްލިންޓަން އެކަން ހުއްޓުވަން މަސައްކަތްކުރި ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ކްލިންޓަން ވަނީ އެޕްސްޓީންގެ ކުށްތަކާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައި ނުވާ ކަމަށާއި އޭނާގެ ޖަޒީރާއަށް ނުދާ ކަމަށް ބުނެފައެވެ.
މި މައްސަލައިގައި އާންމުންނާއި ސިޔާސީ ފަރާތްތަކުން ޖަވާބު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، މި ޗިޓްތައް މެދުވެރިކޮށް އެޕްސްޓީންގެ ނެޓްވާރކާއި މި މައްސަލަ ބެލި ގޮތް ތަޙުޤީޤުކުރުމަށް ވަނީ ނިންމާފައެވެ.







