އެމެރިކާގެ ވެރިރަށުގެ ކޮންޓްރޯލު ނަގާނެ ކަމަށް ބުނެ ޓްރަމްޕް އިންޒާރު ދީފި

ވޮޝިންގްޓަން ޑީސީގައި ކުށްކުރުން އިތުރުވަމުންދާތީ، އެ ސިޓީގެ ކަންކަން އެމެރިކާގެ މަރުކަޒީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މި އިންޒާރު ޓްރަމްޕް ދެއްވީ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑީއޯޖީއީ)ގެ ކުރީގެ މުވައްޒަފެއްގެ ކާރު ބަޔަކު ވަގަށް ނަގަން އުޅުމުގެ ސަބަބުންނެވެ. މި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ފެޑެރަލް ސަރުކާރުން އެސިޓީގެ ކޮންޓްރޯލު ނަގަން ޖެހިދާނެ ކަމަށެވެ.

ތްރަމްޕްގެ މީސްމީޑިއާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވޮޝިންގްޓަން ޑީސީގައި ކުށްކުރުން ވަނީ ކޮންޓްރޯލުން ބޭރުވެފައި ކަމަށެވެ. އަދި 14 އަހަރާއި 16 އަހަރާ ދެމެދުގެ ޒުވާނުންނާއި ގޭންގު މެންބަރުން، އާންމު ރައްޔިތުންނަށް ހަމަލާދީ، ވައްކަންކޮށް، އަނިޔާކުރަމުންދާ ކަމަށާއި، މިފަދަ ކުށްތައް ކުރުމަށްފަހު އެމީހުން އެއް ދޮރުން ވައްދައި އަނެއް ދޮރުން ނެރޭތީ ފުލުހުން ދެކެ ކުށްވެރިން ފަސް ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ.

އުމުރު ހަމަނުވާ އަންހެނުން ހޯދައިދޭން އުޅުނު ދައްލާލު އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވަނީ، އުމުރުން 14 އަހަރުން މަތީގެ ކުދިން ބޮޑެތި މީހުންގެ ގޮތުގައި ބަލައި ގަންނަން ޖެހޭނެ ކަމަށާއި އެފަދަ ކުދިން ކުށްކުރުމުން ޝަރީއަތްކޮށް، ދިގު މުއްދަތަކަށް ޖަލަށްލެވޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ސިޓީގެ ކަންކަން އަވަހަށް ރަނގަޅު ނުކޮށްފިނަމަ، އެމެރިކާގެ ސަރުކާރުގެ ބާރުތައް ބޭނުންކޮށްގެން ސިޓީގެ ކަންކަން ބަލަހައްޓަން ޖެހިދާނެ ކަމަށެވެ.

މީގެ ކުރިން ވެސް ކުރިން ވެރިކަން ކުރެއްވިއިރު، ވޮޝިންގްޓަން ޑީސީގެ ކަންކަން ފެޑެރަލް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަން ޓްރަމްޕް ގޮވާލައްވާފައިވެއެވެ. އެމެރިކާގެ ވެރިރަށުގެ ގޮތުގައި އޮންނަ ވޮޝިންގްޓަން ޑީސީއަކީ އަމިއްލަ ސްޓޭޓެއްގެ ގޮތުގައި ނުހިމެނޭ، އެކަމަކު ކޮންގްރެސްގެ ސީދާ ބެލުމުގެ ދަށުން ހިންގާ ޚާއްސަ ސަރަހައްދެކެވެ.

ހިއްސާ ކުރައްވާ!