ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ހޮލޮކޯސްޓަށް އެހީތެރިވެދޭ ކަމަށް ބެލެވޭ ނޯވޭގެ އިންވެސްޓްމަންޓްތަކެއް އިޒްރޭލުގައި ހުރި ކަމަށް ބުނެ ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން، ނޯވޭގެ 1.94 ޓްރިލިއަން ޑޮލަރުގެ ސޮވްރިން ވެލްތު ފަންޑުން އިޒްރޭލްގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް މުރާޖަޢާ ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަމުރުކޮށްފައެވެ.
ކުރީގެ ނޭޓޯ ވެރިޔާ ޖެންސް ސްޓޯލްޓެންބާގް އިސްކޮށް ހުންނަވާ ނޯވޭގެ މިނިސްޓްރީ އޮފް ފައިނޭންސްއިން ވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކާއި އޮއިލް ފަންޑުގެ އަޚުލާގީ މައްސަލަތައް ބަލާ ކައުންސިލަށް ސިޓީ އެއް ފޮނުވާފައެވެ. މި ސިޓީގައި އިންވެސްޓްމަންޓްތައް މުރާޖަޢާކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ އެސެސްމަންޓެއް 15 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވަނީ އަމުރުކޮށްފައެވެ.
މި ކަންކަން މުރާޖަޢާ ކުރުމަށް އަމުރުކޮށްފައިވަނީ ނޯވޭގެ ނޫސް "އަފްޓެންޕޯސްޓެން" އިން އާންމު ކުރި ހޮލޮކޯސްޓާ ގުޅޭ ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޣައްޒާގައި ހިންގާ ހޮލޮކޯސްޓްގައި ބޭނުންކުރާ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތައް މަރާމާތުކުރާ "ބެޓް ޝެމެޝް އެންޖިންސް" ކުންފުނީގައި ނޯވޭގެ އޮއިލް ފަންޑުން ކޮށްފައިވާ އިންވެސްޓްމަންޓް ވޭތުވެދިޔަ އަހަރުތަކުގައި އިތުރުކޮށްފައިވެއެވެ.
އެ ކުންފުނީގައި ނޯވޭ އޮއިލް ފަންޑުގެ 2.1 ޕަސެންޓުގެ ހިއްސާއެއް އޮވެއެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް މި ހިއްސާގެ އަގަކީ 15.2 މިލިއަން ޑޮލަރެވެ. މިއީ ހަމާސް އިން ފެށި އަޤްޟާ ޠޫފާންގެ ހަމަލާއާ ގުޅިގެން ފެށުނު ހޮލޮކޯސްޓްގެ ކުރިން، 2023 ގެ ނިޔަލަށް އޮތް 3.6 މިލިއަން ޑޮލަރުގެ އަގާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ނޯވޭ އޮއިލް ފަންޑުގެ ސީއީއޯ ނިކޮލައި ޓަންގެން ނޯވޭގެ ނެޝަނަލް ބްރޯޑްކާސްޓަރު އެންއާރްކޭއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ބެޓް ޝެމެޝް އެންޖިންސްގައި އިންވެސްޓްކޮށްފައިވަނީ 2023 ވަނަ އަހަރުގައެވެ. އަދި އޭގެ ފަހުން އެ ކުންފުނީގައި އޮތް ހިއްސާ އިތުރުވެފައިވާ ކަމަށް އޭނާ ވެސް ޔަގީން ކޮށްދެއްވައެވެ.






