ޕާކިސްތާނުން ވަނީ ޗައިނާއާއެކު ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ޖައްވީ ދަތުރުތަކާއި، ނިއުކްލިއަރ ހަކަތަ އުފެއްދުމައި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ އެތައް ދާއިރާއަކުން ގުޅުން ބަދަހި ކުރުން ހިމެނެއެވެ. މި އެއްބާރުލުމުގެ ދަށުން ޕާކިސްތާނުގެ ކަރާޗީ ނިއުކްލިއަރ ޕަވަރ ޕްލާންޓް ޔުނިޓް 3 ގައި ޗައިނާގެ ހުއަލޮންގް ވަން ރިއެކްޓަރ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ފަހުގެ ޓެސްޓުތައް ވަނީ ފުރިހަމަކޮށް މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ. އަދި 2026 ވަނަ އަހަރު ޗައިނާގެ ފަޒާގެ މަރުކަޒަށް ޕާކިސްތާނުގެ ވައިގެ ދަތުރުވެރިން ފޮނުވުމަށްވެސް ވަނީ ރޭވިފައެވެ.
ޕާކިސްތާނުން ޗައިނާއާ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރާއިރު ޕާކިސްތާނުން ވަނީ މައްސުނި ސިގްނަލްތަކެއް އެމެރިކާއަށް ދީފައެވެ. އެމެރިކާ ރައީސް ސުލްހައިގެ އިނާމަށް އެންމެ ފުރަތަމަ ހުށަހެޅި ގައުމަކީވެސް ޕާކިސްތާނެވެ. އަދި އޭގެ އިތުރުން ޕާކިސްތާން ސޮފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ގެންދަވަނީ އެމެރިކާއަށް ދެވަނަ ދަތުރެއް ކުރެއްވުމުގެ މަގުމަތީގައެވެ.
ޕާކިސްތާނުން ޗައިނާއާއެކު ޖައްވީ ދާއިރާގައި އަދި ތެކްނޮލޮޖީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހި ކުރުމަށް ޗައިނާއިން ދައުވަތު ދިނީ، އެމެރިކާއިން ޕާކިސްތާނުން ތެޔޮ ގަތުމަށްވެސް ނިންމާފައިވާ ކަން އިއުލާން ކުރި ފަހުންނެވެ.
ޗައިނާގެ އެހީގައި، ޕާކިސްތާނުން ވަނީ 2035 ވަނަ އަހަރާ ހަމައަށް ހަނދަށް ރޯވަރއެއް ފޮނުވުމަށް ރާވާފައެވެ. މިކަމުގައި ޗައިނާގެ ޗަންގް-އީ-8 މިޝަންގެ އެހީތެރިކަން އިސްލާމްއާބާދަށް ލިބޭނެއެވެ. މީގެއިތުރުން ޕާކިސްތާން ރިމޯޓް ސެންސިންގ ސެޓެލައިޓް-1 ވަނީ ޗައިނާގެ ޝިޗަންގް ސެޓެލައިޓް ދޫކުރާ މަރުކަޒުން ޖައްވަށް ފޮނުވާފައެވެ.
ޕާކިސްތާންގެ މިނިސްޓަރ އަހްސަން އިގްބާލް ވަނީ ޗައިނާގެ ނިއުކްލިއަރ އޮތޯރިޓީ އަދި ފަޟާއީ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ސުލްހަވެރި ގޮތުގައި ނިއުކްލިއަރ ބޭނުންކުރުމާއި އަދި ފަޒާގެ މިޝަންތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ޕާކިސްތާނުން ވަނީ އޭއައި، ސައިބަރ ސެކިއުރިޓީ، ނެނޯޓެކް، ބިގް ޑޭޓާ، ކްލައުޑް ކޮމްޕިއުޓިންގ އަދި ކުއަންޓަމް ކޮމްޕިއުޓިންގ އާ ގުޅޭ ޤައުމީ މަރުކަޒުތައް ޤާއިމްކޮށްފައެވެ. އަދި އެތަންތާނގައި ޗައިޏާގެ ޓެކްނޮލޮޖީ ބޭނުން ކުރުމަށްވެސް މަޝްވަރާ ކުރައްވާފައެވެ.





