އިޒްރޭލާއި ފަލަސްޠީނާ ވީ ފަރާތުން މިސްރުގެ ސަރަހައްދާ އެއްވެސް ޔަހޫދީއަކު ކައިރިވާނަމަ އެމީހަކަށް ދިމާވާ ކަމަށް ޒިންމާ ވާން ޖެހޭނީ އަމިއްލައަށް ކަމަށް ބުނެ މިސްރުން ހަރުކަށި އިންޒާރެއް ދީފިއެވެ. މި އިންޒާރު ދީފައި ވަނީ މިސްރުގެ ސީނާ ޕްރޮވިންސްގެ ގަވަރުނަރުއެވެ.
ޔަހޫދީން ފަށާފައިވާ ހޮލޮކޯސްޓާ ގުޅިގެން މިސްރުން މިފަހުން ދައްކާފައިޥާ ވާހަކަތަކާއެކު އިޒްރޭލާއި މިސްރުގެ ގުޅުން އުޅެނީ ނުތަނަވަސް ފައްތަރެއްގައެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ ވަނީ ޣައްޒާގައި ހިނގަމުންދާ ޖަރީމާއަކީ "ބަނޑަށް ޖެއްސުމާއި ނަސްލު ނައްތާލުމާއި ފަލަސްތީނުގެ މައްސަލަ ވުޖޫދުން ފޮހެލުމުގެ ހަނގުރާމައެއް" ކަމަށް ސިފަކުރައްވާފަ އެވެ.
މިއާއެކު މިސްރުން ވަނީ "މިސްރުގެ ސަރަހައްދާ އެއްވެސް ފަރާތަކުން ކައިރި ނުވުމަށް" ވެސް އިންޒާރު ދީފަ އެވެ. ސިނާއީގެ ގަވަރުނަރު މޭޖާ ޖެނެރަލް ޚާލިދު މުޣާވަރީ ބުރާސްފަތި ދުވަހު ވިދާޅުވީ ބޯޑަރާ ކައިރިވާން ކުރާ ކޮންމެ މަސައްކަތަކަށް މިސްރު ސިފައިންގެ "ސިއްސުވާލަނިވި ކުއްލި ޖަވާބެއް" ލިބޭނެ ކަމަށެވެ. އަދި މިވާހަކައަކީ ސާފު ސުއާލަކަށް ދޭ ސާފު ޖަވާބެއްގެ ގޮތުގައި ބަލައި ގަތުމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޣާވަރީ ވިދާޅުވީ، މިސްރު އޮތީ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ އެކަމާ ކުރިމަތިލާން ތައްޔާރަށެވެ.
އަލްޣަދު ޓީވީން ކުރި ސުއާލެއްގައި މިސްރާއި އިސްރާއީލާ ދެމެދު އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ހިނގައިދާނެ ތޯ ދެންނެވުމުން މުޣާވަރީ ވިދާޅުވީ، "ދުނިޔޭގެ ކޮންމެ އިންސާނަކުވެސް ދަންނަން ޖެހޭނެ، މިސްރުގެ ބޯޑަރާއި ކައިރިވާން ވިސްނާނަމަ، މިސްރުގެ ޖަވާބަކީ މުޅި ދުނިޔެއަށް ލިބިގެން ދާނެ ހައިރާންކަމެއް" ކަމަށެވެ. އަދި އޭނާ ވިދާޅުވީ "މިއީ ޖަޒުބާތީ ވާހަކައެއް ނޫން… އަޅުގަނޑު ސިފައިންގެތެރޭގައި 41 އަހަރު މަސައްކަތް ކުރިން، އަދި ތިން އަހަރާއި ބައި ވަންދެން ދެވަނަ ފީލްޑް އާމީގެ ކޮމާންޑަރު ކަމާއި މިސްރުގެ އަސްކަރީ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމު އަދާކުރީމު" އަދި މިވާހަކަ ދައްކަނީ އެނގިހުރެގެން ކަމަށް ވިދާޅުވިއެވެ.





