ޓްރަމްޕް ހޮޓާ ކުރިމަތީގައި މުޒާހަރާ ކުރި ޔަހޫދީން ހައްޔަރުކޮށްފި

އިސްރާއީލުން ޣައްޒާގައި ހިންގާ ހޮލޮކޯސްޓާ ދެކޮޅަށް ނިއުޔޯކުގައި ހުންނަ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހޮޓަލު ކުރިމަތީގައި ސަތޭކަ އެތައް ޔަހޫދީން ބައިވެރިވެގެން މުޒާހަރާއެއް ބާއްވައިފިއެވެ. މި މުޒާހަރާއިން 40 އަށްވުރެ ގިނަ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ޔަހޫދީންގެ ސުލްހަވެރި ޖަމްއިއްޔާ "އިފް ނޮޓް ނައު" އިން އިސްނަގައިގެން ބޭއްވި މުޒާހަރާގައި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހޮލޮކޯސްޓާ ދެކޮޅަށް އަޑުއުފުލާފައި ވެއެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން "ނަސްލު ނައްތާލުން ހުއްޓާލާ" އަދި "ޣައްޒާގެ ރައްޔިތުން ބަނޑަށް ނުޖައްސާ" ފަދަ ބެނާތައް ހިފައިގެން "ޓްރަމްޕް: ޔަހޫދީން ބުނަނީ ފުދިއްޖެ އޭ" ފަދަ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ.

މި ޖަމްއިއްޔާގެ ވަގުތީ ތަންފީޒީ ޑިރެކްޓަރު މޯރިއާ ކަޕްލާން ބުނި ގޮތުގައި އިސްރާއީލުން ޣައްޒާ ހިސާރުކުރުމަކީ ގަސްތުގައި އާބާދީއެއް ބަނޑަށްމަރާލުމަށް ކުރިއަށްގެންދާ ނަސްލު ނައްތާލުމުގެ ސިޔާސަތެކެވެ. އަދި މި އަނިޔާވެރިކަން ހުއްޓުވުމަށް އެމެރިކާ ސަރުކާރުން އޭގެ ނުފޫޒު ބޭނުންކުރަންޖެހޭ ކަމަށް ބުންޏެވެ.

އިޒްރޭލުގެ 15 އަހަރުވީ ކޮންސެންޓްރޭޝަން ކޭމްޕް ޣައްޒާގެ ސިޔާސަތާ ދެކޮޅަށް ފެށި އަޤްޞާ ޠޫފާނަށް ފަހު، އެމެރިކާގެ ވާގިވެރިކަމާއެކު އިސްރާއީލުން ވަނީ ޣައްޒާގައި ނަސްލު ސާފުކޮށް މީހުން ބަނޑަށްމަރަން ފަށާފައެވެ.

ހިއްސާ ކުރައްވާ!