ވެނެޒުއެލާ ރައީސް ހައްޔަރުކޮށްދޭ ފަރާތަކަށް އެމެރިކާއިން 50 މިލިއަން ޑޮލަރު ދެނީ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ މަޢުލޫމާތު ހޯދުމަށް އެމެރިކާއިން ދޭން ނިންމާފައިވާ އިނާމުގެ އަދަދު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފިއެވެ. މިއީ ކުރިން ހުށަހަޅާފައިވާ އަދަދު ދެގުނަ ކުރުމަށްފަހު ކަނޑައަޅާފައިވާ އަދަދެކެވެ.

ވެނެޒުއެލާ ރައީސާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޕްރޮޕެގެންޑާއަކީ މީގެ ކުރިން އެހެން ފަހަރުފަހަރުވެސް އެމެރިކާގެ ހަތުރުންގެ އަގު ވައްޓާލައި ނުބައި މީސްކުރުމަށް ކުރާ ބާވަތުގެ ޕޮރޮޕެގެންޑާއެކެވެ. މިފަދަ ޕްރޮޕެގެންޑާގައި މީހާއާ ބެހޭ ގޮތުން އެމެރިކައިން ދޮގު ވާހަކަ ފަތުރައި އޭނާގެ ނަންހުތުރުކޮށް ބައިނަލްއަގްވާމީ މުޖުތަމައުން މީހާ އެކަހެރި ކުރުމަށް މަސައްކަތް ކުރާނެއެވެ.

އެމެރިކާގެ ބަންޑާރަ ނައިބު ޕެމް ބޮންޑީ ވިދާޅުވި ގޮތުގައި މަޑޫރޯއަކީ "ދުނިޔޭގެ އެންމެ ބޮޑެތި މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ ތެރެއިން އެކެއް" ކަމަސެވެ. އަދި، ޓްރެން ޑެ އަރަގުއާ އަދި ސިނަލޯއާ ކާޓެލް ފަދަ ގޭންގްތަކާ ގުޅުން އޮންނަ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި މަޑޫރޯއާ ގުޅުންހުރި 30 ޓަނުގެ ކޮކެއިން އެމެރިކާގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އިދާރާ (ޑީއީއޭ) އިން ހިފަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިފަހަރު މަޑޫރޯއާ ދެކޮޅަށް މަސްތުވާތަކެތި ބޭނުން ކުރާއިރު ސައްދާމް ހުސޭނު ފަދަ އަރަބި ލީޑަރުންނާ ދެކޮޅަށް ބޭނުން ކުރީ ކެމިކަލް ހަތިޔާރުގެ ފުފައްދާފައިވާ ބުހުތާން ދޮގު ވާހަކަތަކެވެ.

މި މައްސަލައާ ގުޅޭގޮތުން ވެނެޒުއެލާގެ ފޮރިން މިނިސްޓަރ އިވާން ގިލް ވިދާޅުވީ މިއީ އެމެރިކާ ފެންވަރުގެ "ދެރަވަރު ސިޔާސީ ޕްރޮޕެގެންޑާއެއް" ކަމަށެވެ. އަދި މިއީ ކަސްބީންގެ ދައްލާލު ޖެފްރީ އެޕްސްޓީންގެ މައްސަލަ ފަދަ އެމެރިކާގެ ވެރިން އުމުރު ހަމަނުވާ ކުޑަކުދިން ރޭޕްކުރުމުގެ ފަޟީހަތްތަކުން ސަމާލުކަން އެހެން ދިމާލަކަށް ކަސިޔާރު ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން މަޑޫރޯ އާއި އެހެން އިސް އޮފިޝަލުންގެ މައްޗަށް ޓެރަރިޒަމް، ކޮރަޕްޝަން އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ދަޢުވާތައް އެމެރިކާއިން ކޮށްފައިވެއެވެ. އަދި ވެނެޒުއެލާގެ ކުރީގެ އިންޓެލިޖެންސް ވެރިޔާ ހިއުގޯ ކަރވަޖަލް ވަނީ އެމެރިކާގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ބަހަނާގައި ބަންދުކޮށްފައެވެ. އެމެރިކާއިން ޕެނަމާ ރައީސް މެނުއެލް ނޮރިއެގާއާ ދެކޮޅަށްވެސް 80ގެ އަހަރުތަކުގައި މިކަހަލަ ކެމްޕޭނެއް ހިންގިއެވެ.

މަޑޫރޯ އަލުން ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން، ވޯޓުގައި މަކަރުހެދި ކަމުގެ ތުހުމަތު ވެސް އެމެރިކާއާއި ހުޅަނގުން ކުރިއެވެ. އަދި ޔޫރަޕިއަން ޔޫނިއަން އާއި ޔުނައިޓެޑް ކިންގްޑަމްއިން ވަނީ އޭނާގެ ސަރުކާރުގެ މައްޗަށް ދަތިކުރުންތަކެއް ތަންފީޒުކޮށްފައެވެ.

ހިއްސާ ކުރައްވާ!