ހޮލޮކޯސްޓް ހިންގައި ޣައްޒާގެ މުޅި ކޮންޓްރޯލް ހޯދުމަށް ޔަހޫދީން ރާވާފައިވާ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އިނގިރޭސިބަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ މިފަދަ އެއްވެސް އަމަލަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލެއް ކަމަށާއި، މިއީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤަށް ވަރަށް ބޮޑަށް އަރައިގަތުމެއް ކަމަށެވެ.
އިތުރަށް ރައީސް ފާހަގަ ކުރައްވާފައިވަނީ މި ނިންމުމަކީ ހިފާފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކުގައި މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެ، ސަރަޙައްދީ ހަމަޖެހުމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ރައީސް އިތުރަށް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން ދެމިތިބި ތިބުން އެ ގޮތުގައި އޮންނާނެ ކަމަށާއި، ޣައްޒާގެ ކޮންޓްރޯލް އިޒްރޭލަށް ފުރޮޅާލުމަށް ކުރާ ކޮންމެ މަސައްކަތަކާއި ރާއްޖެއިން ދެކޮޅު ހަދާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ މުޅި ޣައްޒާ ހިފުމަށް އިޒްރޭލްގެ ހަރުކަށި ޔަހޫދީން ގެންގުޅެމުންދާ ޕްލޭން ތަންފީޒު ނުކުރުމަށާއި އިޒްރޭލްގެ އަނިޔާވެރިކަން ވަގުތުން ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިޒްރޭލް ސިފައިން ވަގުތުން ބޭލުމަށާއި އެ މީހުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައްވާފައެވެ.




