އިސްރާއީލުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، ކަނިސެޓްގެ ރިސާރޗް ސެންޓަރުން ތައްޔާރުކޮށްފައިވާ "ކަންބޮޑުވާ" ރިޕޯޓެއް ގާނޫނު ހަދާ މަޖިލީހުގެ އިންޓަގްރޭޝަން ކޮމިޓީން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.
މި ރިޕޯޓުން ދައްކާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ކާމިޔާބު އަޤްޞާ ޠޫފާން ހަމަލާއަށްފަހު، ބޭރަށް ފުރާ އިސްރާއީލު މީހުން އެނބުރި ޤައުމަށް އައުން ވަނީ ބޮޑުތަން ދަށްވެފައެވެ. 2020 އިން ފެށިގެން ޤައުމުން ބޭރަށް ދިޔަ ޔަހޫދީންގެ ތެރެއިން 53 އިންސައްތަ މީހުން އަދިވެސް އެނބުރި އައިސްފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކަނިސެޓްގެ މެންބަރު ގިލްއަދް ކަރީވް ވަނީ މިކަމުގެ ނުރައްކާތެރި ނަތީޖާތަކާމެދު އިންޒާރުދީފައެވެ. ސިފައިން ހަނގުރާމައަށް ނުލިބުމާއި ޑޮކްޓަރުންމަދުވުމާއި އިގްތިސާދީ މަސައްކަތަށް މީހުން ނެތުން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި އޭނާ ސަރުކާރަށް ގޮވާލާފައިވަނީ ޔަހޫދީން އެނބުރި އައުމަށް ހިތްވަރުދިނުމަށް ފުރިހަމަ ޔަހޫދީ ޕްލޭނެއް އެކުލަވާލުމަށެވެ. ގައުމު ދޫކޮށް ދިއުމާއި މޮޅެތި މީހުން ބޭރަށް ވަޒީފާއަށް ދިއުމުގެ "ރިވާރސް އިމިގްރޭޝަން އަދި ބްރެއިން ޑްރެއިން" ގެ ސަބަބުން އިސްރާއީލުގެ މުސްތަޤްބަލަށާއި، އާބާދީގެ ނިސްބަތް ހިފެހެއްޓުމަށާއި، އިޤްތިޞާދީ ޤާބިލުކަމަށް ނުރައްކާވެފައިވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ޔަހޫދީން އެނބުރި އައުމަށް ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި ސަރުކާރުން ގެންނަ ޤާނޫނީ ބަދަލުތަކާއި، ޔަހޫދީންގެ ތާރީޚުގައި ހިނާ އެންމެ ދިގު ހަނގުރާމައިގެ ގޮތުގައި ރެކޯޑުކުރެވިފައިވާ މިހާރުގެ ހަނގުރާމައާއި މީހުން ހަމާސް ދެކެ ބިރުގަތުން ހިމެނެއެވެ. މިކަމުގެ ސަބަބުންނާއި ބަދުނާމީން ސަލާމަތް ވުމަށް ގިނަ ޔަހޫދީން ބޭރު ޤައުމުތަކުގައި ދިރިއުޅުމަށް މަސައްކަތްކުރާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، އިސްރާއީލު ސަރުކާރުން ވަނީ އައު އިމިގްރަންޓުންނަށް ގެދޮރު ގަތުމުގައި ޓެކްސް މަޢާފުކުރުމުގެ އިމްތިޔާޒުތައް ފުޅާކޮށްފައެވެ. 1.97 މިލިއަން ޝެކެލް (538,000 ޑޮލަރު) އަށްވުރެ އަގުހެޔޮ ގެތަކަށް ޓެކްސް މުޅިން މަޢާފުކުރެވޭއިރު، އެއަށްވުރެ މަތީ އަގުގެ ގެތަކަށް ތަފާތު ރޭޓްތަކެއްގައި ޓެކްސް ނެގޭނެއެވެ.






