ޣައްޒާ ގައި ހޮލޮކޯސްތް ހިންގައި އެ ސަރަހައްދުގެ މައްޗަށް އަސްކަރީ ބާރު ފޯރުވުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުމާ ގުޅިގެން ބެލްޖިއަމުން އިސްރާއީލުގެ ސަފީރު ހާޒިރުކޮށްފިއެވެ. ފަލަސްތީނު ޗާޓުން ފުހެލުމަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި ބެލްޖިއަމުން މި ނިންމުން ސިފަކޮށްފައިވެއެވެ.
ބެލްޖިއަމްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސަފީރު ހާޒިރުކުރީ އިސްރާއީލުގެ މި ޕްލޭންތަކަށް ފުރިހަމައަށް އިންކާރުކުރާކަން ސާފުކޮށް އަންގައިދިނުމަށެވެ. އަދި އޭގެ އިތުރުން، އިސްރާއީލުން ކުރިއަށްގެންދާ އިސްތިއުމާރީ ހަރަކާތްތަކާއި، ޚާއްޞަކޮށް ހިފާފައިވާ އިރުމަތީ ގުދުސްގެ "އީ1″ މަޝްރޫޢު އަލުން ފެށުމާއި، ވެސްޓް ބޭންކް އަތުލަން ކުރާ މަސައްކަތްތަކަށް އިންކާރުކުރާކަން އެންގުމަށެވެ.
މި އެންމެހައި ފިޔަވަޅުތަކަކީ "ޤަބޫލުކުރެވޭނެ ކަންކަމެއް ނޫން" ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުންތަކާ ޚިލާފު ކަންކަން ކަމަށް ބެލްޖިއަމްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ހަނގުރާމައިގެ އަސީރުންނަށް ވެސް ނުރައްކާވެދާނެ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ، ހަމަނުޖެހުން ހުއްޓުވުމަށާއި ދެ ދައުލަތުގެ ހައްލަކަށް އޮތް ފުރުސަތު ނައްތާލައިފާނެ ކަމަށް ބެލެވޭ މި ޕްލޭންތައް ހުއްޓާލުމަށް ބެލްޖިއަމުން ގޮވާލާފައިވެއެވެ. އަދި އިންސާނީ އެހީތެރިކަން އެއްގަމު މަގުން ފޯރުކޮށްދިނުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށްވެސް އެ ޤައުމުން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.
ބެލްޖިއަމުން ވަނީ ހަމާސް ހަރަކާތް ނައްތާލުމަށް އިސްރާއީލުން ބޭނުންވިޔަސް، އެކަން ހާސިލުކުރުމަށް ފަލަސްތީނުގެ އާންމު ރައްޔިތުން މެރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.






