ހޮލޮކޯސްޓް ހިންގުމަށް އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ޖަރުމަނުވިލާތުން ނިންމި ނިންމުމަކީ ހަމާސްގެ ޓެރަރިޒަމަށް ލިބޭ ހިތްވަރެއް ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ފާޑުކިޔާފައެވެ. އިޒްރޭލުގެ މަޤްޞަދަކީ ޣައްޒާ ހިފުން ނޫން ކަމަށާއި، ހަމާސްގެ ކިބައިން ޣައްޒާ މިނިވަންކޮށް، އަމާން ސަރުކާރެއް ޤާއިމްކުރުން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ޖަރުމަނުން ޔަހޫދީންގެ ދައުލަތަށް ހަތިޔާރު ނުވިއްކައި ނާޒީ އުސޫލުން ހަމާސަށް ތާއީދު ކުރަނީކަމަށް ނަތަްނޔާހޫ ބުންޏެވެ.
ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރިޑްރިޗް މެޒް ވިދާޅުވި ގޮތުގައި ޣައްޒާގައި އިޒްރޭލުގެ އަސްކަރީ ޙަރަކާތްތައް އިތުރުވަމުން ދިއުމާއި ގުޅިގެން ޔަހޫދީންގެ ހޮލޮކޯސްޓް ހިންގުމަށް ހަތިޔާރު ނުވިއްކަން ނިންމީއެވެ. އަދި އިތުރު އެންގުމަކާ ހަމައަށް ޣައްޒާގައި ބޭނުންކުރެވިދާނެ ފަދަ ހުރިހާ ހަތިޔާރެއް އެކްސްޕޯޓް ކުރުން ޖަރުމަނުން ހުއްޓާލުމަށް ނިންމީ ކަމަށް ވިދާޅުވިއެވެ.
އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނެއް ފާސްކޮށްފައެވެ. މިއީ މިހާރުވެސް ކުރިއަށް ގެންދާ ހޮލޮކޯސްޓުން ސަލާމަތްވާ މީހުން ނައްތާލައި ނަސްލު ސާފުކޮށްލުމުގެ ޔަހޫދީ ޕްލޭނެކެވެ. ޔަހޫދީންގެ ކެބިނެޓުން ފާސްކޮށްފައިވާ މި ފަސް ނުކުތާގެ ޕްލޭނުގައި ހިމެނެނީ ހަމާސް ހަތިޔާރުއަތުލުމާއި ހަމާސްގެ މެހުމާންދާރީގައި ތިބި ހަނގުރާމައިގެ އަސީރުން އަތުލުމާއި އިޒްރޭލުގެ ސިފައިންގެ ބާރު ޣައްޒާގައި ފެތުރުމާއި އޮސްލޯ މުއާހަދާއާ ޚިލާފްވެ، ފަލަސްތީނު ސަރުކާރުގެ ބާރުކަނޑަުވާލައި ފަލަސްޠީނުގެ ވުޖޫދަށް ފުރުސަތު ނުދިނުމެވެ.
ނަމަވެސް އިޒްރޭލުގެ ކުރީގެ އިސް އޮފިޝަލުންނާއި މާހިރުން ބުނަނީ 23 މަހުގެ ހަނގުރާމައިން ހާސިލު ނުކުރެވުނު މޮޅެއް ދެންވެސް އިޒްރޭލަކަށް ހާސިލެއް ނުކުރެވޭނެ ކަމަށެވެ. އަދި މަޑުމަޑުން ޔަހޫދީންގެ ދައުލަތް މިދާ ގޮތަށް ގޮސް ވުޖޫދުން ފޮހެވިގެންދާނީ ކަމަށެވެ. މިސްރާއި ޖޯޑަން ފަދަ އަރަބި ޤައުމުތަކުން ވަނީ ހަމާސްގެ އިސްލާމީ ފިކުރަކީ އެމީހުން ގަޔާވާ ފިކުރެއް ނޫންކަމަށް އެމީހުންގެ ސަޕޯޓު އޮތީ އައްބާސްގެ އިލްމާނީ ސަރުކާރަށް ކަމަށް ބުނެފައެވެ. އަދި ފަލަސްތީނު ސަރުކާރުގެ މައިގަނޑު ދައުރެއް ނެތި މި ކަމުގައި ބައިވެރިވުމަށް އިންކާރުކޮށްފައެވެ. އަދި ނެތަންޔާހޫގެ މި ހުށަހެޅުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ.






