އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އައްސޫދާނީ ވަނީ އޭނާގެ 4 ވަޒީރުން، އެ ބޭފުޅުންގެ ވަޒީފާ އަދާ ކުރެއްވުމުގައި ހޯއްދެވި ކުއްލި މުއްސަނދި ކަމާ ގުޅިގެން އެބޭފުޅުންގެ މައްސަލަ ޝަރީއަތަށް ފޮނުވާފައެވެ. އަދި މިކަމާ ގުޅިގެން ކުރިން ވެފައިވާ ވައުދެއްގެ ދަށުން ގެންނަން ރޭވި ވަޒީރުގެ މަޖިލިސްގެ ބަދަލުތަކަށް ސިޔާސީ ގޮތުން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ސޫދާނީ ވިދާޅުވިއެވެ.
ބަޣްދާދުގައި ބޭއްވި ސަރުކާރުގެ މަސައްކަތްތައް ވަޒަންކޮށް އާންމުންނަށް މައުލޫމާތު ދެއްވުމުގެ ބައްދަލުވުމުގައި ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، 6 މަސްދުވަހުގެ މުއްދަތުގައި ކޮރަޕްޝަނާ ގުޅޭ 1،135 މީހުންނާއި މައްސަލަ ވަޒަންކޮށް ދިރާސާކޮށް ހަދާފައިވެއެވެ. މި ވަޒަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން 41 ޑިރެކްޓަރ ޖެނެރަލުން މަގާމުން ވަކިކޮށް ފައި ވެއެވެ. އަދި، ވަގުތީ ގޮތުން މަސައްކަތް ކުރި ކޮންޓްރެކްޓް މުވައްޒަފުންގެ 89 މުވައްޒަފުންގެ ވަޒީފާ ނިމުމަކަށް ގެނެސްފައިވެއެވެ.
ސަރުކާރުން މިމއްސަލަތައް ވަޒަން ކުރަން އެކުލަވައިލި އިވެލުއޭޝަން ކޮމިޓީން 6 ވަޒީރުން ބަދަލުކުރުމަށް ހުށަހަޅާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި "ކޮރަޕްޝަންގެ މައްސަލަތަކާ މެދު ވަގުތުން ފިޔަވަޅު އަޅަމުން ގެންދިޔައީމެވެ. މިއީ އިވެލުއޭޝަންގެ ބޭރުން ކުރެވުނު ކަންކަން" ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ހާލަތްތަކުގައި ސިޔާސީ ހުރަސްތަކާވެސް ކުރިމަތިލާން ޖެހުނު ކަމަށްވެސް ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި، ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރުމުގެ ތެރެއިން އިވެލުއޭޓް ކުރެވުނު މަގާމުތަކުގެ 21 އިންސައްތައަށް ބަދަލު ގެނެވިފައިވާ ކަމަށް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
ފާއިތުވި އަހަރު އިރާގުން ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ރޮނގުން ކުރިއެރުންތަކެއް ހޯދާފައެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި 180 ގައުމުގެ ތެރެއިން އިރާގު ވަނީ 154 ވަނަ މަގާމުން 140 ވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ.



