ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހިންގަމުންއައި މަސް ކާރުޚާނާ ގަތުމަށް މިފްކޯއިން މަސައްކަތް ފަށައިފިއެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ދޮޅު އަހަރު ވަންދެން ހުއްޓިފައި އޮތް އެންސިސް މަސް ފެކްޓްރީ ގަތުމާ ގުޅޭގޮތުން އެ ކުންފުންޏާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، މިކަމާ ގުޅޭ ދިރާސާތައް މިހާރު ވަނީ ނިންމާފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު 9 ގައި ހުޅުވި މި ފެކްޓްރީއަކީ 385 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކޮށްގެން ޤާއިމްކޮށްފައިވާ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އެންމެ ބޮޑު މަސް ކާރުޚާނާއެވެ. މި ފެކްޓްރީގައި ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލުކަން ހުރެއެވެ. އަދި، 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރެވޭނެ ވަސީލަތްތައް ޤާއިމްކުރެވިފައިވެއެވެ.
200 އެއްހާ މުވައްޒަފުންނާއެކު ހިންގަމުން އައި މި ފެކްޓްރީ ހުއްޓާލަން ޖެހުނީ ކުރީގެ ސަރުކާރުން ކަޅުބިލަމަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުންނެވެ.
2002 ވަނަ އަހަރު ވުޖޫދަށް އައި އެންސިސް ފިޝަރީޒްއިން "އެންޒީ" ބްރޭންޑްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކޮށްފައެވެ. އަދި، 2006 ވަނަ އަހަރު އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ޤާއިމްކޮށްފައެވެ.



