ޖަޕާނުގެ ދެކުނު ހުޅަނގު ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 3 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިގެން ރައްކާތެރި ތަންތަނަށް ދިއުމަށް މިއަދު ހޯމަ ދުވަހު ޖަޕާނުގެ އިމަޖެންސީ އިދާރާތަކުން އަންގައިފިއެވެ.
ޖަޕާނުގެ ޓެލެވިޜަން އާއި ރޭޑިއޯ ކޯޕަރޭޝަން (އެންއެޗްކޭ) އިން ބުނާ ގޮތުގައި ކުމަމޮޓޯ ޕްރިފެކްޗަރގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އުޅަނދުފަހަރު ފެނުގައި ޖެހި، މަގުތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. މި ހާދިސާގައި މަދުވެގެން 4 މީހުން ގެއްލިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތަމަނާ ސިޓީގައި އެންމެ 6 ގަޑިއިރުގެ ތެރޭގައި 37 ސެންޓިމީޓަރުގެ ވާރޭވެހިފައިވެއެވެ. މިއީ އާދަޔާ ޚިލާފު ބޮޑު ކޮށް ވެހުމެކެވެ.
މި ނުރައްކާތެރި މޫސުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ. ހަކާޓާ އާއި ކަގޮޝިމާ ޗޫ ދެމެދު ދުއްވާ ބުލެޓް ޓްރެއިންގެ ޚިދުމަތް ވަނީ މެދުކަނޑާލަން ޖެހިފައެވެ. އަދި ކިއުޝޫ ޖަޒީރާގެ އެކި ސަރަހައްދުތަކުގައި ހުރި އެކްސްޕްރެސްވޭތައް ވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.
ޖަޕާނުގެ އިމަޖެންސީ އިދާރާތަކުން ރައްޔިތުންނަށް ގޮވާލަނީ މޫސުމާ ގުޅޭ އިރުޝާދުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. އަދި ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދިނުމަށެވެ.





