ބަޣާވާތް ގެންނަން އުޅުނު މީހުން ހައްޔަރުކޮށްފި

މާލީގެ ސަރުކާރު ވައްޓާލައި ބަޣާވާތް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި 30 އަށްވުރެ ގިނަ ސިފައިންގެ އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ރޮއިޓަރސް ނޫސް އޭޖެންސީއަށް ދެ މަސްދަރަކުން މައުލޫމާތު ދީފިއެވެ.

މާލީގެ ސަލާމަތީ މަސްދަރެއް މައުލޫމާތު ދިން ގޮތުގައި މި މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ އެތައް ދުވަހެއްގެ ތެރޭގައެވެ. މީގެ ތެރޭގައި ގިނަ އިސް އޮފިސަރުން ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި މާލީގެ މެދު ސަރަހައްދު މޮޕްޓީގެ ކުރީގެ ގަވަރުނަރު ޖެނެރަލް އައްބާސް ދެމްބެލޭވެސް ހިމެނެ ކަމަށް ވެއެވެ. ޖުމްލަ 36 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް އެ މަސްދަރު ބުންޏެވެ.

ސަރުކާރުގެ އިތުރު އެހެން މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި 40 މީހުން ހައްޔަރުކޮށްފައިވެއެވެ. ނަން ހާމަނުކުރަން ޝަރުތުކުރުމުގެ މަތިން މައުލޫމާތު ދިން މަސްދަރުތަކުން ބުނީ އަދި މިއީ ސެންސިޓިވް ސެކިއުރިޓީ އޮޕަރޭޝަނެއް ކަމަށާއި، ހައްޔަރުކުރެވުނު އޮފިޝަލުންނާ ދެކޮޅަށް ކުރެވޭ ވަކި ތުހުމަތުތަކެއްގެ ތަފްސީލު ހާމަ ނުކުރެވޭނެ ކަމަށެވެ.

މި ހައްޔަރުކުރުންތަކާ ގުޅޭ ގޮތުން ސަރުކާރުންނާއި ސިފައިންގެ ފަރާތުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި އެ ދެ ފަރާތުގެ ތަރުޖަމާނުންވެސް އިޖާބައެއް ދީފައެއް ނުވެއެވެ.

ފާއިތުވި އޭޕްރީލް މަހު ބޭއްވި މާލީގެ ގައުމީ ބައްދަލުވުމެއްގައި 2021 ގައި އަސްކަރީ ކައުންސިލްގެ ވެރިކަމާ ހަވާލުވި ޖެނެރަލް އަސިމީ ގޮއިޓާ، ފަސް އަހަރުގެ މުއްދަތަށް ގައުމުގެ ރައީސްގެ ގޮތުގައި އިސްކުރުމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލުމަށް ހުށަހަޅާފައިވެއެވެ. އަދި ފާއިތުވި މަހު ގޮއިޓާގެ ފަސް އަހަރުގެ ދައުރަށް ސަރުކާރުން ރަސްމީކޮށް ހުއްދަ ދީފައިވާ ކަމަށާއި، ބޭނުން ޖެހިއްޖެ ހާލަތެއްގައި އެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!