ޣައްޒާއަށް އެހީތެރިވުމަށް ލަޝް ކޮސްމެޓިކްސްއިން ހުރިހާ ފިހާރަތަކެއް ބަންދުކޮށްފި

ޔޫކޭގައި މައި މަރުކަޒު ޤާއިމްކޮށްގެން ހިންގާ ރީތިވާސާނު އުފައްދާ ލަޝް ކޮސްމެޓިކްސްއިން ވަނީ ޔަހޫދީން "ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުން" ހުއްޓުވުމަށް ގޮވާލަމުން އެ ކުންފުނީގެ ހުރިހާ ފިހާރަތަކަކާއި، ފެކްޓަރީތަކާއި އަދި ޔޫކޭގެ އޮންލައިން ވެބްސައިޓް އެއް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.

ލަޝްގެ ޔޫކޭ ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނަނީ "ޣައްޒާ ބަނޑަށް ޖެއްސުން ހުއްޓާލާ – އަޅުގަނޑުމެން ވަނީ ޣައްޒާއަށް އެއްބައިވަންތަކަން ދެއްކުމަށް ވިޔަފާރި ބަންދުކޮށްފައި" ކަމަށް ބުނާ ލިޔުން ކަޅު ސްކްރީނެއްގައި ލިޔެފައެވެ. އިޒްރާއީލްގެ ހިސާރަ ކުރުމުގެ ސަބަބުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތަކާ ހެދި، އާންމުންނަށް ސީދާ އެހީ ފޯރުކޮށް ނުދެވޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"މި ވަގުތު އަޅުގަނޑުމެންނަށް ފޮނުވޭނީ އަޅުގަނޑުމެންގެ ލޯބި އަދި ވަރުގަދަ މެސެޖެއް އެކަނި،" ލަޝް ކުންފުނިން ބުނެފައިވެއެވެ. އަދި ފިހާރަތައް ބަންދުކުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް ވެސް އެދިފައިވެއެވެ.

މީގެ އިތުރުން، ކުރިން ޣައްޒާގެ މެޑިކަލް ސަރވިސަސް އަދި ޕްރޮސްތެޓިކްސްއަށް އެހީވުމަށް ވިއްކި "ވޯޓަރމެލަން ސްލައިސް" ސައިބޯނި އަލުން ތަޢާރަފުކުރުމަށް ވެސް އެކުންފުނިން ވަނީ ނިންމާފައެވެ. މިއީ ކުންފުނީގެ ތާރީޚުގައި އެންމެ ކާމިޔާބު އުފެއްދުމެވެ.

2023 ގެ އޮކްޓޯބަރުން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގާ ނަސްލު ނައްތާލުމުގައި މިހާތަނަށް 63،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދު ކޮށްފައި ވެއެވެ. މި އިހުތިޖާޖާއެކު ޔޫކޭ ސަރުކާރުން އިޒްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލައި، ސުލްހައަށް މަސައްކަތްކުރުމަށް ބާރުއެޅުމަށް އުއްމީދުކުރާކަމަށް ވެސް ލަޝްއިން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!