ނޭޕާލްގެ ހޯމް މިނިސްޓަރު ރަމޭޝް ލެޚާކް އިސްތިއުފާ ދެއްވައިފި

ނޭޕާލްގެ ޖެން-ޒީ އިންގިލާބުގެ ނަމުން ނަންދީފައިވާ މުޒާހަރާތަކަށް ކެތް ނުކުރެވިގެން ހޯމް މިނިސްޓަރ ރަމޭޝް ލެޚާކް އިސްތިއުފާ ދެއްވައިފި އެވެ.

މި މުޒާހަރާތައް ފަށާފައިވަނީ ފޭސްބުކް، ވަޓްސްއެޕް، އަދި ޔޫޓިއުބް ފަދަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކޮށް ސަރުކާރުން ޚިޔާލު ފާޅުކުރުމަށް ހުރަސް އެޅުމާ ގުޅިގެންނެވެ.

ނޭޕާލްގެ ބޮޑެތި ސިޓީތަކާއި ވެރިރަށުގައި އެތައް ހާސް ޒުވާނުން ވަނީ ސްކޫލް ޔުނީފޯމްގައި  ނިކުމެ މުޒާހަރާ ކޮށްފައެވެ. އެމީހުން ވަނީ ކޮރަޕްޝަނާއި ސެންސަރު ކުރުން ހުއްޓާލުމަށް ޑިމާންޑް ކޮށްފައެވެ.

އިސްތިއުފާ ދެއްވި ހޯމް މިނިސްޓަރަކީ، ނޭޕާލްގެ ކޯލިޝަން ސަރުކާރުގައި ނޭޕާލްގެ ކޮންގްރެސް ޕާޓީ ތަމްސީލު ކުރެއްވި ވަޒީރެވެ. ވަޒީރު އިސްތިއުފާ ދެއްވީ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީގެ ގަނޑުވަރުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. ވަޒިރު ވިދާޅުވީ މުޒާހަރާ ކުރާ މީހުން މަރާލުމާ ގުޅިގެން އެކަމުގެ އަޚުލާގީ ޒިންމާ ނަންގަވާ ކަމަށާއި މި ހާލަތުގައި އޭނާ މަގާމުގައި ހުރުމަށް އެކަށީގެން ނުވާތީ އިސްތިއުފާ ދެއްވަނީ ކަމަށެވެ.

ހޯމް މިނިސްޓަރގެ އިސްތިއުފާގެ ސަބަބުން އޮލީގެ ވެރިކަމަށް ޕްރެޝަރު ބޮޑުވެފައި ވެއެވެ. އިދިކޮޅު ޕާޓީތަކުން މިހާރު ޑިމާންޑް ކުރަނީ ފުޅާ ދާއިރާއެއްގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ޖަވާބުދާރީވުމަށެވެ.

ހިއްސާ ކުރައްވާ!