ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ޣައްޒާގައި ޔަހޫދީން ހިންގާ ނަސްލު ނައްތާލުމުގެ ހޮލޮކޯސްޓް ހުއްޓުވުމަށް އަމާޒުކޮށްގެން ސިލްސިލާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ. "މިހާތަނަށް ފަލަސްތީނުގެ ރައްޔިތުންގެ ތަކުލީފު ކުޑަކުރުމަށް އަޅުގަނޑުމެން ކުރި ހުރިހާ ކަމެއް ވަނީ ނާކާމިޔާބުވެފައި" ކަމަށް އޭނާ ވިދާޅުވިއެވެ.
މެޑްރިޑްގައި ހުންނަ ސަރުކާރުގެ މައި އޮފީހުން ޓީވީން ދުރަށް ދެއްކި ޚިޠާބުގައި ސަންޗޭޒް ވިދާޅުވީ އޭނާގެ ސަރުކާރުން "ޣައްޒާގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ނިމުމެއް ގެނައުމާއި، އެކަން ކުރި މީހުންގެ މައްޗަށް ދައުވާކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރުމަށް އާ ފިޔަވަޅުތަކެއް އަޅައި، އިތުރު އަވަސް ނުވަ ފިޔަވަޅެއް އަޅަން ނިންމާފައިވާ" ކަމަށެވެ.
މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅުތަކަކީ ޔަހޫދީ ހޮލޮކޯސްޓަށް ހަތިޔާރު ގެންދާ އިސްރާއީލުގެ ބޯޓުތަކަށް ސްޕެއިންގެ ބަނދަރުތައް ބަންދުކުރުމާއި؛
އިސްރާއީލަށް ހަތިޔާރު ނުވަތަ ވަޒަން ގެންދާ ހުރިހާ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކުރުމެވެ.
ސަންޗޭޒް ވިދާޅުވީ އޭނާގެ ސަރުކާރުން އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށާއި އެކަން މާނަހުރި ގޮތެއްގައި ތަންފީޒު ކުރުމަށް ބިލެއް ފާސްކުރާނެ ކަމަށެވެ. އަދި އިސްރާއީލުގެ ސިފައިންނަށް ތެޔޮ ފޯރުކޮށްދޭ ޓޭންކަރުތައް ސްޕެއިންގެ ބަނދަރުތަކުގައި ބަނދަރުކުރުން މަނާކުރާނެ ކަމަށް ވެސް އޭނާ އިއުލާން ކުރެއްވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހޮލޮކޯސްޓްގެ އަމަލުތަކަކީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ނޫން ކަމަށާއި "އެކަމަކު އެއީ ދިފާއެއް ނެތް ބަޔަކު ނައްތާލުން" ކަމަށާއި އެއީ "ހޮސްޕިޓަލްތަކަށް ބޮން އަޅައި ބަނޑަށް ޖައްސާފައިވާ ބައެއްގެ ބަނޑުހައިހޫނުކަމުގެ ތެރެއިން މީހުން މަރާ" ހަނގުރާމައެއް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންގެ ތަކުލީފު ކުޑަކުރުމަށްޓަކައި ސްޕެއިންގެ ބޮޑުވަޒީރު ވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން އިތުރުކޮށް ދިނުމަށް އދއަށްވެސް ގޮވާލައްވާފައެވެ.
މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައި ސަންޗޭޒް ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ގައުމުތަކުން ގެންގުޅޭ ދެ ފުށްކެހެރި މިންގަނޑުތައް ކުށްވެރިކުރައްވައި، ޣައްޒާއާ ދެކޮޅަށް ކުރިއށް ގެންދާ ހަނގުރާމައާ ގުޅޭ ގޮތުން ޔޫރަޕްގެ ސިޔާސަތަކީ ނާކާމިޔާބު ސިޔާސަތެއްކަމަށް ސިފަކުރައްވާފައެވެ. އަދި އިސްރާއީލަކީ "ނަސްލު ނައްތާލުމުގެ ދައުލަތެއް" ކަމަށް ސަންޗޭޒް ވަނީ ސިފަ ކުރައްވާފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ އެމެރިކާގެ ތާއީދާއެކު ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފަށާފައެވެ.
ޔަހޫދީ ހޮލޮކޯސްޓްގައި 64،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 162،000 މީހުން ޒަޚަމް ކޮށްފައިވެ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަނޑަށް ޖެއްސުމުގެ ސަބަބުން ފަލަސްތީނުގެ 393 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި 140 ކުޑަކުދިން ހިމެނެއެވެ.






