ޒުވާން ޖީލުގެ އިސްނެގުމަކަށް ނޭޕާލްގެ އެކި ކަންކޮޅުތަކުގައި ހިންގި އިހުތިޖާޖީ ހަރަކާތްތަކާ ގުޅިގެން، ސަރުކާރަށް ޕްރެޝަރު ބޮޑުވެ، މީސްމީޑިއާގެ ޕްލެޓްފޯމްތައް މަނާ ކުރި ނިންމުން އުވާލައިފިއެވެ. ނޭޕާލް ސަރުކާރުން މަނާކުރި 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މިހާރު ވަނީ އަލުން ބޭނުން ކުރެވޭ ގޮތް ހަދައިފައެވެ. މި އިހުތިޖާޖުތަކުގައި ފުލުހުންނާއި ކުރިމަތިލުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުންތަކަކަށް މަގުފަހި ވެގެން ދިޔައެވެ. މުޒާހަރާތަކުގައި 20 މީހުންގެ ފުރާނަ ގެއްލި، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައި ވެއެވެ.
ސަރުކާރަށް ޒުވާނުންގެ ފަރާތުން އިތުރު ވަމުންދިޔަ ޕްރެޝަރަށް އިޖާބަދިނުމުގެ ގޮތުން، ސަރުކާރުން ރޭ މެންދަމު ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމަށްފަހު، މުވާސަލާތީ ވަޒީރު ޕްރިތުވީ ސުއްބާ ގުރޫންގް ވަނީ ސޯޝަލް މީޑިއާއާ ދެކޮޅަށް އަޅާފައިވާ ހުރަސްތައް ވަގުތުން އުވާލާނެކަން އިއުލާން ކުރައްވައި މުޒާހަރާގެ ބައިވެރިން އަމާންކަމާއެކު ގެއަށް ދިއުމަށް އެދިވަޑައިގެންފައެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން އެޅި ފިޔަވަޅުތަކާ ދެކޮޅަށް، ދާޚލީ ވަޒީރު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކެބިނެޓްގެ ބައްދަލުވުން ވެސް ހޫނުވެގެން ދިޔައެވެ. ބޮޑު ވަޒީރު ވަނީ ހުރަސްތައް އުވައި ލުމަށް ދެކޮޅު ހައްދަވާފައެވެ. އެކަމާ ގުޅިގެން، ކޯލިޝަންގައި ބައިވެރިވާ ނޭޕާލީ ކޮންގްރެސްގެ މެމްބަރުން ވަނީ ކެބިނެޓްގެ ޖަލްސާ ދޫކޮށް ނިކުމެފައެވެ.
ޒުވާނުންގެ އިހުތިޖާޖުތައް ފެށުނީ، ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ ސަރުކާރުން ފޭސްބުކް، އެކްސް، ވަޓްސްއަޕް އަދި ޔޫޓިއުބް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ވަސީލަތްތައް ބޭނުން ކުރުން މަނާ ކުރުމާ ގުޅިގެންނެވެ. ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މުޒާހަރާއަށް ނިކުމެފައެވެ. މި މުޒާހަރާތައް ފެށިގެން އައީ، "ޖެން- ޒީގެ އިންގިލާބު" ގެ ނަމުންނެވެ. ނަމަވެސް ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ހަރަކާތް މަދަނީ ހައްގުތަކަށް ގޮވާލާ ފުޅާ ހަރަކާތަކަށް ބަދަލުވިއެވެ. މުޒާހަރާކުރި ފަރާތްތަކުން ވަނީ ފުލުހުން ޖެހި ހުރަސްތައް ނައްތާލައި، ޕާލަމަންޓް ސަރަހައްދަށްވެސް ވަދެފައެވެ. ޒުވާނުން ގޮވަމުން ދިޔައީ، "މަނާ ކުރަންވީ، ސޯޝަލް މީޑިއާއެއް ނޫން! ހުއްޓުވަންވީ ކޮރަޕްޝަން" ފަދަ ގޮވެލި ތަކެވެ. އަދި "ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން" ފަދަ ބެނާތައްވެސް ހިފައިގެން އުޅުނެވެ.



