ޕޯސްޓުން ރާއްޖޭގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކުރައްވައިފި

ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައި ޕޯސްޓްގެ ޙިއްސާ ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޕޯސްޓް ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޕޯސްޓްގެ ޚިދުމަތަށް ތައުރީފު ކުރައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި "ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފައި." އަދި "މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ" ކަމަށް ވެސް ވިދާޅުވިއެވެ.

ވޯލްޑް ޕޯސްޓް ޑޭއަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހެކެވެ. މި ދުވަހަކީ 1874 ގައި ސުވިޒަލޭންޑްގައި އުފެދުނު ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ގެ އަހަރީ ދުވަހެވެ. ޔޫޕީޔޫ އަކީ ދުނިޔޭގެ މުވާޞަލާތީ އިންޤިލާބުގެ ފެށުމެވެ.

ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފުރަތަމަ ޤާއިމްކުރެވުނީ 1906 ވަނަ އަހަރުއެވެ. އެއީ ރާއްޖެ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) ގެ މެންބަރަކަށްވި ހިސާބުންނެވެ. މިއަދާ ހަމައަށް އައިއިރު ޕޯސްޓުގެ ޚިދުމަތް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދައި، ރާއްޖޭގެ މުވާޞަލާތީ ދާއިރާގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ހިއްސާ ކުރައްވާ!