ދައުލަތުގެ ހަރަދުތައް ކުޑަކޮށް ކެމްޕޭންގެ މުހިންމު ވައުދެއް ފުއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފުޅާ ފިޔަވަޅެއްގެ ގޮތުން ސްރީލަންކާގެ ޕާލަމެންޓުން ވަނީ ރައީސުންގެ އިނާޔަތްތައް (އުވާލުމުގެ) ބިލް ފާސްކޮށް، ކުރީގެ ރައީސުންނާއި އެމީހުންގެ ހުވަފަތް އަނބިންނަށް ދޭ އިނާޔަތްތައް އުނިކޮށްފައެވެ.
ސެޕްޓެމްބަރު 10 ވަނަ ދުވަހު ބޮޑު ތާއީދާއެކު ފާސްކުރި މި ބިލަށް ސަޕޯޓުކޮށް 151 ވޯޓު ދީފައި ވެއެވެ. އަދި ދެކޮޅަށް ދީފައި ވަނީ އެންމެ ވޯޓެކެވެ.
މިވޯޓާއެކު ދައުލަތުގެ ކުރީގެ ވެރިންނާއި ރިޓަޔާޑް މެމްބަރުންނަށް ލިބިފައިވާ އެހެނިހެން އިނާޔަތްތައް އަދި އެލަވަންސްތަކާއި ރަސްމީ ގެކޮޅާއި އުޅަނދުތަކާއި ސެކިއުރިޓީ މުވައްޒަފުން އުނިކޮށްފައި ވެއެވެ.
މި ބިލުގެ ސަބަބުން ވަގުތުން އަސަރުކުރި މީހުންގެ ތެރޭގައި ސްރީލަންކާގެ ސިޔާސީ މައިދާނުގައިއާއި 20 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސާ ހިމެނިވަޑައިގަންނަވަ އެވެ. ރާޖަޕަކްސާ ވަނީ މިއަދު ބުރާސްފަތި ދުވަހު ކޮލަމްބޯގައި ހުންނަ އޭނާގެ ރަސްމީ ގެކޮޅު ހުސްކުރައްވާފައެވެ. އޭނާގެ ތަރުޖަމާނު ވަނީ އޭނާގެ އާއިލީ ގެ ޓަންގަލްއަށް ބަދަލުވެ ވަޑައިގެންފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. "ގާނޫނަށް އަމަލުކުރަން ފެށުމުގެ 24 ގަޑިއިރު ވަންދެން ވެސް މަޑުކުރުމުގެ ވިސްނުމެއް ނެތް،" އޭނާގެ ވަކީލު މަނޯޖް ގަމާގޭ ވިދާޅުވި އެވެ.
މި އިނާޔަތްތައް އުވާލުމުގެ އަސަރު ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކަ ކުމާރަތުންގާ އާއި މައިތުރިޕާލާ ސިރިސޭނާ އަށް ވެސް ކުރާނެއެވެ. އެ ދެ ބޭފުޅުންނަށް ވެސް ވަނީ ހަމަ އެފަދައިން ދައުލަތުން ފޯރުކޮށްދޭ އެކޮމޮޑޭޝަންތައް ހުސްކުރަން ޖެހިވަޑައިގެންފަ އެވެ.
ޤާނޫނު ހަދާ މަޖިލީހން ފާސްކުރި މިބިލާއެކު އައި މި ބަދަލަކީ އެއް ޒަމާނެއްގައި ސްރީލަންކާގައި މުޅިން ކޮންޓްރޯލް އޮތް ރާޖަޕަކްސާ ޚާންދާންގެ ޒަމާނަށް ރަމްޒީ ނިމުމެކެވެ. ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައީ 2005 ވަނަ އަހަރު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި މަހިންދަ ރާޖަޕަކްސާ އެވެ. އޭނާގެ އާއިލާ ވެރިކަމަށް އަލުން އެނބުރި އައީ 2019 ވަނަ އަހަރު އެވެ.
ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލާ މި ބިލް ހުށަހެޅުއްވި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ސަރުކާރުގެ މި ފިޔަވަޅަކީ ހާމަކަން ބޮޑުކަމާއި މާލީ ޒިންމާ އަދާކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބަލައި ގަނެ އާންމުން ވަނީ މިކަމަށް ތައުރީފުކޮށްފައެވެ.



