ނޭޕާލް ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިނގައިފިއެވެ. ޖެން ޒީގެ މުޒާހަރާގެ ވާދަވެރި ފެކްޝަންތަކުގެ މެދުގައި މައްސަލަ ޖެހިފައި ވަނީ ނޭޕާލްގެ ވަގުތީ ސަރުކާރު ލީޑް ކުރާނެ ފަރާތަކާ މެދު އެއްބަސް ނުވެވިގެންނެވެ.
ހޫނު ބަހުސާއެކު ޚިޔާލުތަފާތުވުމެއްގެ ގޮތުގައި ފެށުނު މި ބަހުސް އެސާހިތަކުން ކުރިމަތިލުމަކަށް ބަދަލުވެ މާރާމާރީއަކަށް ބަދަލު ވެއްޖެއެވެ.
ބަދްރަކަލީގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ޖެން ޒޭޑްގެ މަންދޫބުންނާއި ރައީސް ރާމްޗަންދްރާ ޕައުޑެލް އާއި ސިފައިންގެ ވެރިޔާ އަޝޯކް ރާޖް ސިގްޑެލް އާއި ދެމެދު މުހިންމު މަޝްވަރާތައް ކުރިއަށް ދިޔަ އެވެ. މި މަޝްވަރާތަކަކީ 34 މީހުން މަރުވެ 1،000 އަށް ވުރެ ގިނަ މީހުން ޒަހަމްވި ދެ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ލީޑަޝިޕްގެ ހުސްކަން ހައްލުކޮށް އަލުން ސިޔާސީ މަސްރަހު ތަރުތީބު ކުރުމުގެ މަޝްވަރާތަކެވެ.
ސިފައިންގެ މަރުކަޒުގެ ބޭރުގައި މުޒާހަރާގެ ބައިވެރިން ވަނީ ޒުވާބުކޮށް މާރާމާރީ ހިންގާފައެވެ. އެއް ފެކްޝަނުން ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާކީ އަށް ތާއީދުކޮށްފައެވެ. އޭނާގެ ނަޒާހަތްތެރިކަމާއި ބިރު ކުޑަކަމަށް އެބަޔަކު ތައުރީފު ކުރި އެވެ. ނަމަވެސް ދުސްތޫރީ ހުރަސްތަކާއި އެކަމަނާގެ އުމުރު ފާހަގަކުރައްވައި އެހެން ބަޔަކު ވަނީ އެކަމަނާގެ ނަންފުޅަށް ދެކޮޅު ހައްދަވާފަ އެވެ. އޭގެ ބަދަލުގައި އެމީހުން ބޭނުންވީ ނޭޕާލްގެ ސްޓެލްކޯގެ ކުރީގެ ވެރިޔާ ކުލްމަން ގިސިންގް ގެންނާށެވެ.
މިދިޔަ ހަފުތާގައި ސަރުކާރުން 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމަށްފަހު ޖެން ޒީ އިން ހިނގި މުޒާހަރާގައި ނޭޕާލްގެ މުސްކުޅި ސިޔާސީ ނިޒާމު ވަނީ އެއްކޮށް ފުށުން ޖަހާފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ހާމަކަން ބޮޑު ގޮތެއްގައި ގައުމު ހިންގުމާއި، ޖަވާބުދާރީވުމާއި، ވަޒީފާ ނެތުމާއި ކޮރަޕްޝަނަށް ހައްލު ހޯދައިދިނުމަށް ޑިމާންޑްކޮށްފަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން އަންގާރަ ދުވަހު ބޮޑުވަޒީރު އޮލީ ވަނީ އިސްތިއުފާ ދެއްވައި ފިއްލަވާފައެވެ.
ކަތަމަންޑޫގެ ހުރިހާ ހިސާބެއްގައި ވެސް ސަލާމަތީ ކަންކަން މިހާރު ވަނީ ވަރުގަދަ ކޮށްފައެވެ. ސިފައިން ދަނީ މަގުތަކުގައި ޕެޓްރޯލް ކުރަމުންނެވެ.



