ޖޯޑަންގެ އިރުބިދު ސަރަހައްދުގައި ޝިގެއްލާ ފެތުރެމުން ދިއުމުގެ ސަބަބުން 42 މީހުން ބަލިވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ. ނަމަވެސް މިމީހުންގެ ހާލަތު ސީރިއަސް ނޫން ކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ޝިގެއްލާ ބެކްޓީރިއާއަކީ ނުތާހިރު ކާނާ އަދި ފެނުން ޖެހޭ، އާންގޮތެއްގައި ގޮހޮރުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. މި ބަލި އެންމެ ގިނައިން ޖެހެނީ 5 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. މި ބަލި ޖެހުމުން ލެއާއެކު ބޭރަށް ހިންގައި ހުން އައިސް، ބަނޑުގައި ރިއްސައި އަދި ހޮޑުލުން ފަދަ އަލާމާތްތައް ފެންނަ ކަމަށް ޞިއްޙީ މާހިރުން ފާހަގަކުރެއެވެ.
މި ބަލީގެ އަލާމާތްތައް އާންމުކޮށް ދެމިގެންދަނީ ހަފްތާއަކަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެންޓިބައޮޓިކްސް ބޭނުންކުރަން ޖެހިދެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ގިނައިން އަތްދޮވުމާއި، ރަނގަޅަށް ފިލްޓަރު ކޮށްފައި ނޫނީ ކައްކާފައި ހުންނަ ބޭނުން ކުރުމަށް އިރުޝާދު ދެއެވެ. ބަލި ޖެހިފައިވާ ދުވަސްވަރު ފީނައި އުޅުމާއި ކާނާ ތައްޔާރު ކުރުން ހުއްޓާލުމަށް ވެސް ލަފާދެއެވެ.
ލޭއެކު ބޭރަށް ހިނގައި ބޮޑަށް ހުންއައިސް ހަށިގަނޑުން ފެން މަދުވެ އަދި ގިނައިން ހޮޑުލެވޭ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް ޞިއްޙީ މާހިރުން އިރުޝާދު ދެއެވެ.





