ގަވާއިދާ ޚިލާފު ބިދޭސީން ހޯދުމަށް ޤައުމީ އޮޕަރޭޝަނެއް ފަށަނީ

ރާއްޖޭގައި މޫލާފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ފަށާ އޮޕަރޭޝަންގައި ބޮޑެތި ރަށްރަށަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ. މި އޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަދަ ވިޔަފާރިތައް ބަންދުކޮށް، އެ މީހުން ޑިޕޯޓުކުރެވޭނެއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާތަނަށް 178,982 ބިދޭސީންގެ މައުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ 8,000 އަށް ވުރެ ގިނަ މީހުން ވަނީ ޑިޕޯޓުކޮށްފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިއީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ނަމަވެސް، މީގެ ކުރިން މިކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ކުށުގެ މައްސަލަތަކަކީވެސް މީގެ ކުރިން ހައްލު ނުކުރެވި މޫލާފައިވާ މައްސަލަތަކެކެވެ. ނަމަވެސް މި ސަރުކާރުން މި މައްސަލަތައް ހައްލުކުރާނީ މޫނަށް ކަނދުރާއަށް ބެލުމެއްނެތި، ޖުޑިޝަރީއާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ޔަގީންކަން ދެއްވިއެވެ.

އަދި މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!