ޔޫރަޕްގެ ދޮން މީހުން އެފްރިކާ ބައްރުން ކަޅު ނަސްލުގެ މީހުން ވަގަށް ނަގައިގެން އަޅުދާ ކުރި މައްސަލާގައި ބަދަލު ދޭން ޖެހޭނެ ކަމަށް ގާނާގެ ރައީސް ވިދާޅުވެއްޖެއެވެ. އަޅުދާސްކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމަށް ގާނާއިން އ.ދ. ގެ ޢާންމު މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމާފައިވާކަމަށް ގާނާގެ ރައީސް މަހާމާގެ ތަގްރީރުގައި ވިދާޅުވިއެވެ. މިކަމަށް އެދި އ.ދ. ގައި ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާތައް ކުރެވިފައިވީ ނަމަވެސް، އަދި މިހާތަނަށް މާނަހުރި އެއްވެސް ގަރާރެއް ފާސްކުރެވިފައެއް ނުވެއެވެ.
އިނގިރޭސިންނާއި ޔޫރަޕްގެ ގައުމުތަކުންނާއި އެމެރިކާއިން ވަނީ އެފްރިކާއިން މީހުން ވަގަށް ނަގައިގެން ގެންގޮސް އެމީހުން ވިއްކައި އެއީ ބޮޑު ވިޔަފާރިއަކަށް ހަދައި އެކަމުން މުއްސަނދި ވެފައެވެ.
ގާނާގެ ރައީސް މަހާމާ ވިދާޅުވީ، އަޅުދާސްކުރުމުގެ ބަދަލު ހޯދުމުގެ އެފްރިކާގެ ޗެމްޕިއަންގެ ހައިސިއްޔަތުން، އ.ދ. ގެ ޢާންމު މަޖިލީހަށް ގަރާރެއް ހުށަހަޅަން ގާނާއިން ގަސްތުކުރާ ކަމަށެވެ. "ބާރުގަދަ ހުޅަނގުގެ ޤައުމުތަކަށް މުއްސަނދިކަން އުފެއްދުމަށްޓަކައި، 12.5 މިލިއަނަށް ވުރެ ގިނަ އެފްރިކާ ރައްޔިތުން އެމީހުންގެ ރުހުމާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ވަގަށް ނަގައިގެން ގެންދެވުނު،" ރައީސް މަހާމާ ވިދާޅުވިއެވެ.
މަހާމާ އިތުރަށް ވިދާޅުވީ، "އަހަރެމެންގެ ރައްޔިތުން އަޅުވެތިކުރުމާއި، އަހަރެމެންގެ ބިންތައް ގަދަބާރުން ހިފައި، އެކަމުގެ ސަބަބުން އަހަރެމެންގެ ތިމާވެށީގެ ވަޞީލަތްތައް ވަގަށްނެގުމުގެ އިތުރުން، އަދިވެސް އަނބުރާ ލިބިފައި ނުވާ ތާރީޚީ އާސާރުތަކާއި ފޭރިގެންފައިވާ ސަގާފީ ތަރިކަތަކަށް ބަދަލު ހޯދަން އަހަރެމެން އެދެންވާނެ" ކަމަށެވެ.
ގާނާގެ މި ގަރާރު ހުށަހެޅުމުގެ ސަބަބުން އަޅުދާސްކުރުމަށް ދޮން މީހުން ހިންގާފައިވާ ތާރީޚީ އަނިޔާތަކާއި، އިސްތިއުމާރުކޮށް ނަސްލު ނައްތާލުމަށް ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އިންސާފު ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން އަނބުރާ ލިބޭނެކަމަށް ގާނާއިން އުންމީދުކުރެއެވެ.






