މަޑަގަސްކަރުގައި ދިމާވެފައިވާ ކަރަންޓާއި ފެނުގެ ދަތިކަމާ ގުޅިގެން ޒުވާނުން ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން، ރައީސް އެންޑްރީ ރަޖޮލިނާ ވަނީ އެގައުމުގެ ސަރުކާރު އުވާލައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 22 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ.
ކެންޔާ، ނެޕާލް އަދި މޮރޮކޯގެ ޒުވާނުންގެ ހަރަކާތްތަކުން ހިތްވަރު ލިބިގެން ކަމަށް ބުނާ މި މުޒާހަރާތައް އިންތިޒާމު ކޮށްފައި ވަނީ މީސްމީޑިއާ މެދުވެރިކޮށެވެ. މި މުޒާހަރާތަކަކީ 2023 ވަނަ އަހަރު ރައީސް ރަޖޮލިނާ އަލުން ރައީސްކަމަށް އިންތިޚާބުވުމަށްފަހު ކުރިމަތިވެ ވަޑައިގަންނަވާ އެންމެ ބޮޑު ގޮންޖެހުމެވެ.
އެންޓަނަނަރިވޯ ޔުނިވަރސިޓީ ކައިރީގައި ޒުވާނުން އެއްވެ، ގައުމީ ސަލާމް ކިޔަމުން މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ ޒުވާނުންނާ ދެކޮޅަށް ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. އަދި ރޭގަނޑު ބޭރަށް ނިކުމެ އުޅުން މަނާކޮށް ކާފިއު ހިންގާފައި ވެއެވެ.
ޓެލެވިޜަން މެދުވެރިކޮށް ދެއްކެވި ގައުމާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ރަޖޮލިނާ ވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގަބޫލުކުރައްވައި، ސަރުކާރުގެ އިހުމާލުތަކަށް މަޢާފަށް އެދިވަޑައިގެންފައެވެ. "ކަރަންޓާއި ފެނުގެ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ހިތްދަތިކަމާއި، ނުރުހުން އަޅުގަނޑަށް އެނގޭ،" ރައީސް ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރު މަޑަގަސްކަރުގެ 30 މިލިއަން އާބާދީގެ ތެރެއިން 75 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ އެންމެ ދަށް ގިންތީގައެވެ. އިންފްރާސްޓްރަކްޗަރގެ ދާއިމީ މައްސަލަތަކާއި އިގްތިސާދީ ދަތިތައް ސަރުކާރަށް ހައްލު ނުކުރެވުމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ޒުވާނުން ދަނީ ބުނަމުންނެވެ.






